މި ދަނޑިވަޅުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށާއި އަދި ސްރީލަންކާގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ސަމާލުވުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ޚާރިޖިއްޔާގެ ބަޔާން:
މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ސްރީލަންކާގެ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އަންނަނިވި ފިޔަވަޅުތައް އެޅުމަށްވަނީ ނިންމާފައެވެ.
1)ވަކި ގޮތެއް އަންގަންދެން ހުރިހާ ކެޓެގަރީ އެއްގެ ވިސާ ދޫކުރުން މަނާކުރުން.
2)އެއްވެސް ކެޓެގަރީއެއްގެ ވިސާ (އިލެކްޓްރޯނިކް ޓްރެވަލް އޯތޮރައިޒޭޝަން މެދުވެރިކޮށް ލިބިފައިވާ ވިސާ، ސްރީލަންކާގެ ރެޒިޑެންޓް ވިސާ، އެންޓްރީ ވިސާ، ލޭންޑިންގް އެންޑޯސްމެންޓް އަދި މަލްޓިޕްލް އެންޓްރީ ވިސާ) ލިބިފައި ހުއްޓަސް، މިހާތަނަށް މިއިން އެއްވެސް ވިސާއެއް ބޭނުންކޮށްގެން ސްރިލަންކާއަށް ދަތުރު ކޮށްފައިނުވާނަމަ، މި ވިސާތައްވެސް 31 މާރިޗު 2020 ގެ ރޭގަނޑު ސްރީލަންކާ ގަޑިން 23:59 އާ ހަމައަށް ސަސްޕެންޑް ކުރުން.
3)ކޮލޮމްބޯ، ގަމްޕަހާ އަދި ކަލުތަރަގައި ވަކި ގޮތެއް އަންގަންދެން ކަރފިއުއެއް ހިންގުން.
ވީމާ، މި ދުވަސްތަކުގައި ސްރީލަންކާއަށް ދަތުރުކުރަން ގަސްދުކުރާ އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހިން މިކަމަށް ސަމާލުވުމަށް އެދެމެވެ. އަދި މި ފިޔަވަޅުތަކަށް ބަދަލުއައުން އެކަށީގެންވުމާއެކު، ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށްވެސް އެދެމެވެ.