އިންޑިއާ އާއި ސްރީލަންކާއިން އެ ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްލުމުންނާއި ފްލައިޓްތައް ހުއްޓާލުމުން ރާއްޖެ ނާދެވިފައި ތިބި ދިވެހިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ހަމަޖައްސަން ދިވެހި ޚާރިޖިއްޔާ އާއި ސަރުކާރުގެ ކަމާއި ބެހޭ މުއައްސަސާތަކުން ގެންދަނީ މަސައްކަތްކުރަމުން ކަމަސް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑިއާއިން އެ ޤައުމުގެ އެއުރޯސްޕޭސް ބަންދުކުރުމާއި ގުޅިގެން މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކުރަން ޖެހުމުން ރާއްޖެ ނާދެވި އިންޑިއާގައި ތިބި މީހުންގެ ކަންކަންވެސް ސަރުކާރުގެ އިދާރާތަކުން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެންސްޕާ އާއި އާސަންދަ އަދި އެމްބަސީތަކުން ގެންދަނީ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ބައެއް ޢާއިލާތަކުން ކަންބޮޑުވަނީ ރާއްޖެ ނާދެވިފައި ތިބި މީހުންގެ އަތުގައި ޚަރަދުކުރާނެ ފައިސާ ނެތުމާއި އަދި އިންޑިއާ އާއި ސްރީލަންކާގައިވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާތީއެވެ. ޚާއްޞަކޮށް އިންޑިއާގައި ނުރައްކާ ބޮޑުވުމުންނެވެ!
"ރާއްޖެއާ އިންޑިއާ މީ މިހާރު އެކައްޗެއް ދޯ؟ ދެ ނަން ކީނަމަވެސް! ދެން ކީއްވެ ނާދެވިފައިވާ މީހުން ބަލައިދާ މޯލްޑިވިއަންގެ ފްލައިޓެއް ޖެއްސިއަ ނުދީ އެ ހިފަހައްޓަނީ؟ ކޮންމެވެސް ދިމާއެއްގަ އެބަ އުޅޭ މައްސަލައެއް! އެ ޤައުމަށް އެތެރެވާނެ ދިވެހިން ނުލާ ހަމައެކަނި މީހުން ބަލައިދާ ފްލައިޓެއް ޖެއްސިއަ ނުދީ ހިފަހައްޓާތީ ކުރަން މިއުޅެނީ ކީއްކަމާއިމެދު ސުވާލު އުފެދެނީ!" މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނެފައިވެއެވެ.
"ރާއްޖޭގައި ތިބި ޗައިނާ އާއި އިޓަލީގެ ފަތުރުވެރިން ބަލައި އައި ފްލައިޓްތަކަށް ރާއްޖެއިން ފުރުޞަތުދިން. ތިއެއް އެނގޭނީ ރާއްޖޭގައި އިންޑިއާ ބައަކު ޙާލުގައި ޖެހިފައި ތިބިނަމަ! އިންޑިއާގައި ނެތް ބަލިމަޑުކަމެއް މާލޭގައި އޮވެ މާލޭގައި އިންޑިއާ ބައަކު ތާށިވެފައި ތިބި ނަމަ އިންޑިއާ ސަފީރު ރައީސް އޮފީހުން ނުވެސް ނުކުންނާނެ!" މިއީ ވެސް އިންޑިއާއިން ނާދެވިފައި ހުރި މީހެއްގެ ބެލެނިވެރިއަކު ބުނެފައިވާ ބަހެކެވެ.