ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އަށް ޕޮޒިޓިވްވި މަންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ފެލައިނީ އާއި ޑައިރެކްޓު ކޮންޓެކްޓުވި ދެ މީހެއްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުގެ ފަރާތުން މިރޭ ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސް ކޮންފަރެންސްގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ މިހާތަނަށް ފެލައިނީ އާއި 20 މީހަކު ޑައިރެކްޓު ކޮންޓެކްޓުވެފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެ މީހެއްގެ ނަތީޖާ މިހާރު ލިބިފައިވާ އިރު އެދެމީހުންގެ ނަތީޖާ ނެގެޓިވްވެފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އެ 20 މީހުންގެ ތެރެއިން 15 މީހަކީ އެމްއޭސީއެލްގެ ސްޓާފުން ކަމަށެވެ. އަދި ފަސް މީހުންނަކީ ރީތި ރަށުގެ މުވައްޒަފުން ކަމަށެވެ.
މީގެއިތުރުން މަބްރޫކް ވިދާޅުވީ ފެލައިނީއާ ރީތި ރަށުން ޑައިރެކްޓު ކޮންޓެކްޓުވި ފަސް މީހުން ރީތި ރަށުގައި އެކަހެރިކޮށްފައިވާ ކަމަށެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށްފަހު ފެލައިނީ އެނބުރި ޤައުމަށް ގޮސްފައިވަނީ މިމަހިގެ 12 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ޤައުމަށްދިޔަ ފަހުންނެވެ.