ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން ސަރުކާރު ބަންދުކޮށްފައި ހުރި ނަމަވެސް، ބިދޭސީންގެ ވޯކް ވިސާގެ ހިދުމަތްތައް ދޭ އެކްސްޕެޓް ސިސްޓަމުން ދެމުން އަންނަ ބައެއް ހިދުމަތްތައް ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ވަނި މިިދޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފްތާއަކަށް ސަރުކާރު ބަންދުކުރުމަށް ނިންމާފަ އެެވެ.
މިކަމާއި ގުޅިގެން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ސަރުކާރު ބަންދުވުމާ ގުޅިގެން އެކްސްޕެޓް ސިސްޓަމްގެ ހިދުމަތްއްވެސް މެދުކަނޑާލެވިފައިވާ ކަމަށެވެ. ނަމަވެސް މި މުއްދަތުގައި ބައެއް ފަރާތްތަކަށް ދޫކޮށްފައިވާ ރާއްޖޭގައި މަސައްކަތް ކުރުމުމުގެ ހުއްދަ ހަމަވެއްޖެނަމަ، އެމްޕްލޯއިމަންޓް އެޕްރޫވަލްގެ މުއްދަތު އިތުރުކުރުމުގެ ހިދުމަތް ދޭނެ ކަމަށާއި އެމްޕްލޯއިމަންޓް އެޕްރޫވަލްގެ ހިދުމަތް ވެސް ދޭނެ ކަމަށް ވެސް އެމިނިސްޓްރީއިން ބުނެއެވެ.
އެ ހިދުމަތްތައް ލިބޭނީ، މިއަދުން ފެށީގެން އަންނަ ބުރާސްފަތިދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އެކްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށްގެނެވެ. އެ ވަގުތުތަކުގައި އޮންލައިންކޮށް، "ކޯޓާ އެކްސްޓެންޝަން" އަދި "އެމްޕްލޯއިމަންޓް އެޕްރޫވަލް އެކްސްޓެންޝަން" އެޕްލިކޭޝަން ހުށަހެޅުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ބަޔާނުގައި ބުންނެވެ.