ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ބޭރު ގައުމުތަކުގައި ތިބި ދިވެހީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން އިންޑިއާ، ސްރީލަންކާ އަދި ނޭޕާލްގައި "ތާށިވެފައި" ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.
މީގެއިތުރުން ރާއްޖެއަށް ދަތުރުކުރުމުގެ ކުރިން، ދަތުރުކުރާ ފަރާތްތަކުގެ ޕާސްޕޯޓް ނަމްބަރާއި ދަތުރު ކުރާ ފްލައިޓްގެ ތަފްސީލް ދުރާލާ އެމިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަނަކަށް ހިއްސާ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މުޅި ދުނިޔޭގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް އެނބުރި ދަތުރު ކުރާ ދިވެހިން، ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީން އަދި އެކި ވިސާތަކުގައި ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތައް ސަރުކާރުން ކަނޑައަޅާ ތަނެއްގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރަން ވަނީ ނިންމާފައެވެ.
އަދި މި ދަނޑިވަޅުގައި ދިވެހިންނަށް ދިމާވާ ބައެއް ކަހަލަ ދަތިތައް ހުރިކަން ފާހަގަކޮށް، ދިވެހިންނަށް ވީ ވަރަކުން ލުއި ގޮތްތައް ހޯދައިދެވޭތޯ މަސައްކަތްކުރަމުން ދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.