ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެގެން ކުރެއްދޫ ރިސޯޓުން އެކަހެރިކުރި އިތުރު މީހަކު ރަނގަޅުވެފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރޭގައި ވަނީ 2 މީހަކު ރަނގަޅުވިކަން ހާމަކޮށްފައެވެ. ވީމާ މިވަގުތާއި ހަމައަށް ރަނގަޅުވި މީހުންގެ އަދަދު މިވަނީ 3 އަށް އަރައިފައެވެ.
ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ މިއީ ކުދިކުދި އުފާވެރި ޚަބަރުތަކެއް ކަމަށާއި ކުރަން ހުރި މަސައްކަތްތައް އޮތީ ކުރިއަށް ކަމަށެވެ. ބަލިޖެހޭ އެންމެ މީހެއްގެ ސަބަބުން ނަމަވެސް އެތައް ބައިވަރު ބައަކަށް ބަލި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ސަރުކާރުން އަންގާ އެންގުންތަކަށް އެންމެންވެސް ޢަމަލުކުރުން ވަރަށް މުހިންމު ކަމަށެވެ.
ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާ ރަނގަޅު ކަމަށާއި މާކުރިއަރާފައިވާ ޤައުމުތަކުގައިވެސް ގޮންޖެހުންތައް ހުރިއިރު ރާއްޖެ މިދަނީ ﷲ ގެ ވާގިފުޅާއިއެކު ކުރިއެރުން ހޯދަމުން ކަމަށެވެ.