ދުނިޔޭގެ އެހެން ޤައުމުތައް ފަދައިން ރާއްޖޭގައިވެސް ޞިއްޙީޣޮތުން މިހައިތަނަށް ކުރިމަތިވި އެންމެ ނުރައްކައުތެރިކަން ބޮޑު ޙާލަތުގައި ޑޮކްޓަރުންނާއި ޞިއްޙީ ޚިދުމަތްތެރިން އެބޭފުޅުންގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބެއްލެވުމެއް ނެތި ކުރައްވަމުން ގެންދަވާ ޚިދުމަތްތައް ފާހަގަކުރައްވައި ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
"އަމިއްލަ ނަފްސު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންވާ ޙާލުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ އެންމެހާ ބޭފުޅުން މިދަނޑިވަޅުގައި ކުރައްވަމުން ތިޔަގެންދަވާ ބުރަމަސައްކަތް އިޙްސާސްކޮށް ޙައްޤު ޝުކުރު އަރިސްކުރަމެވެ."—ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް
މިއަދުނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް ބޭފުޅުން ޞިއްޙީ ގޮތުން ދަތިތައް ހުރުމާއިއެކު ވެސް މިހާރުވެސް ވަނީ ޚިދުމަތްކުރައްވައިފައެވެ. އަދި އެފަދަ ބައެއް ބޭފުޅުންނަށް ވަނީ ފަރުވާ ވެސް ދެވިފައެވެ. ދުޢާއަކީ އެންމެހައި ޞިއްޙީ ޚިދުމަތްތެރިންނާއި އެންމެހައި ދިވެހި ރައްޔިތުން ކޮރޯނާ ވައިރަސްގެ ވަބާއިން ރައްކައުތެރިކަން މިންވަރުކޮށްދެއްވެވުމެވެ. އާމީން