ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން ޖެންޑާ މިނިސްޓްރީން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
ޖެންޑާ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ "ކޮވިޑް-19" ރޯގާއާ ގުޅިގެން، އެ ރޯގާއިން ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ފަރާތްތައް ރައްކާތެރިކުރުމުގެ ގޮތުން ހާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން މަރުކަޒުތަކުގައި ތިބި ކުދިންނާއި މީހުންގެ އާއިލީ ބައްދަލުވުންތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ބޭނުންވާ ތައުލީމާއި، ތަރުބިއްޔަތާއި މުނިފޫހިފިލުމުގެ އިންޒާމުތައް މަރުކަޒުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.
މީގެއިތުރުން މަރުކަޒުގައި ދިރިއުޅޭ ކުއްޖަކަށް ނުވަތަ މީހަކަށް ރޯގާ ޖެހިއްޖެ ނަމަ އަދި ހުން އަތުވެއްޖެ ނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދައްކައި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާ ކުރަމުން ގެންދިޔުން އަދި މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުގެ ޓެމްޕަރޭޗަރ ގަވާއިދުން ބެލޭނެ ކަމަށާއި އަދި އަތޮޅުތެރޭގައި ނަމަ އެކަހެރިކޮށް ބެލެހެއްޓޭނެ ތަނެއް ހަމަޖައްސައި، ބޭނުންވާ ސިއްހީ ހިދުމަތްތައް، ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.
ކުޑަކުދިންގެ ހިޔާގައި އައިސޮލޭޝަން ދެ ރޫމް، ފިޔަވަތިގައި އައިސޮލޭޝަން ތިން ރޫމް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި އައިސޮލޭޝަން ދެ ރޫމް ތައްޔާރުކުރުމުގެ މަސައްކަތާއި، އިމަޖެންސީ ހާލަތުގައި ފަރުވާ ދިނުމަށް ބޭނުންވާ މެޑިކަލް ފެސިލިޓީއެއް ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގާއިމުރުމުގެ އެންމެހައި ތައްޔާރީތައް ކުރާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. މަރުކަޒުތަކުގެ ވަދެ ނިކުމެވާ ހުރިހައި ދޮރެއްގެ ކައިރީގައި ހޭންޑް ސެނެޓައިޒާ ހަރުކުރެވި، ބޭނުންވާ ފަރާތްތަކަށް މާސްކާއި އަންގި ފޯރުކޮށްދެވޭނެ ކަމަށާއި މަރުކަޒު ހުންނަ އިމާރާތްތައް ގަވާއިދުން ސާފުކުރަމުން ދާނެ ކަމަށެވެ.