މިހާރު ރާއްޖޭގައި ވެސް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަރަންޓީނުވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރަން ނިންމައިފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ މިއަދު ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު އެކަހެރިކުރުމަށް އަންގަނީ އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އަދި އެފަދަ ކޮންމެ އެންގުމަކަށް ހިލާފުވުމަކީ އާއްމު ސިއްހަތަށް ނުރައްކާވާ ހާލަތަށް މުޖުތަމައުގެ އެހެން ފަރާތްތަށް ހުށަހެޅޭނެ ކަމެއް ކަމަށްވާތީ އެފަދަ އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާއި މެދުވެސް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.
އެގޮތުން އެފަދަ ފަރާތްތައް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އަދި އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ ނަންވެސް ހާމަކުރަން ނިންމާފައިވާ ކަމަށް އެއެންގުމުގައި ބުނެފައިވެއެވެ.
މި އެންގުމަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.