މިދަނޑިވަޅުގައި އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑުމެންގެ އިސްލާމީ ޤައުމުތަކާއި ރަށްތަކުގައި ހުރި، ނާސިގެތަކާއި ނައިޓް ކްލަބްތަކާއި ކެސީނޯ (ޖުވާޚާނާ) ތަކާއި ޕަބްތަކާއި ބާ (ބަނގުރާޚާނާ)ތަކާއި ރިބަވީ ބޭންކުތަކާއި ސިނަމާތަކާއި އޫރުމަސް ވިއްކާ ތަންތަނާއި ރޯބަރަހަނާ އޮރިޔާމުން އުޅޭ ގޮނޑުދޮށްތަކާއި ބީޗްތަކާއި އެނޫންވެސް ފާޅުގައި ކުރަމުންދާ ޙަރާމްކަންތައްތައް ހުއްޓާލައި އެކީއެކައްޗަކަށް އެތަންތަން ބަންދުކޮށް އެކަންކަމުން ދުރުހެލިވާންޖެހެއެވެ.
ބަލާ މުޞީބާތްތަކާއި ވަބާތަކާއި ބަލިމަޑުކަން ފެތުރި ޢާއްމުވެގެން ދިޔުމުގެ އަސްލަކީ ފާޙިޝް މުންކަރާތްތަކާއި ޙަރާމްވެގެންވާ އެންމެހައި ކަންކަން ފެތުރި ޢާއްމުވެގެން ދިއުމެވެ. ވަބާތަކާއި މުޞީބާތްތަކުގެ ވަގުތުގައި އެކަމުން ސަލާމަތްވެ ރައްކާތެރިކަން ލިބެން އޮތީ ފާފަތަކުން ދުރުހެލިވެ ފުރިހަމައަށް އީމާންވެ ތައުބާވެ ﷲ ގެ މަގަށް އެނބުރި ރުޖޫޢަވެގެންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(ظَهَرَ ٱلۡفَسَادُ فِي ٱلۡبَرِّ وَٱلۡبَحۡرِ بِمَا كَسَبَتۡ أَيۡدِي ٱلنَّاسِ لِيُذِيقَهُم بَعۡضَ ٱلَّذِي عَمِلُواْ لَعَلَّهُمۡ يَرۡجِعُونَ) سورة الروم: ٤١
"މީސްތަކުންގެ އަތްތަކުން ކޮށްއުޅުނު ކަންތައްތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ފަސާދަ ފާޅުވެއްޖެއެވެ. އެއީ އެބައިމީހުން ކުރި ބައެއް ޢަމަލުތަކުގެ ރަހަ އެބައިމީހުނަށް ދެއްކެވުމަށްޓަކައެވެ. އަދި އެއީ އެބައިމީހުން ތައުބާވެ ﷲ ގެ މަގަށް އެނބުރި ރުޖޫޢަވުމަށްޓަކައެވެ."
--ޝައިޚް އާދަމް ނިޝާން