ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޯވިޑް-19 އާއި ގުޅިގެން އެކަހެރި ކުރާ މީހުންނާއި ކަރަންޓީނު ކުރާ މީހުންނަށް އިތުރު 1،000 އެނދު ހާއްސަ ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީވަހީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ، މާލެ ސަރަހައްދުން އިތުރު 1،000 ކޮޓަރި ހެދުން ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާލެ ކައިރިން ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ކ. ވިލިވަރު ތަރައްގީކޮށްފައިވާއިރު އެންމެ ފުރަތަމަ އެތަނުގައި ތައްޔާރު ކޮށްފައިވަނީ 30 އެނދެވެ. މިހާރު ކުރަމުންދާ މަަސައްކަތަކީ ވިލިވަރުގެ ޖާގަ 100 އެނދަށް އިތުރު ކުރުމުގެ މަސައްކަތެވެ.
"ރައީސްގެ ވިސްނުންފުޅު ހުރީ ގާތްގަނޑަކަށް އިތުރު 1000 އެނދު، ކޮޓަރި މާލެ ސަރަހައްދުން ހޯދަން. މިހާރު ރައީސް ވަނީ އަޅުގަނޑުމެންނަށް މަޝްވަރާ އާއި އިރުޝާދު ދެއްވާފައި، އެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.