ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ ގޮތުން، ސްރީލަންކާއަށް އަންނަ ފްލައިޓުތައް ކެންސަލްކޮށް، އެ ގައުމުގެ މައި އެއާޕޯޓު ބަންދުކޮށްފި އެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ލަންކާގެ ރައީސް ގޮތާބޭ ރާޖަޕަކްސަ މިއަދު އިއުލާނުކުރެއްވީ، ލަންކާގެ މައި އެއާޕޯޓުކަމަށްވާ ބަންޑާރަނައިކެ އިންޓެނޭޝަނަލް އެއާޕޯޓް (ބީއައިއޭ) މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.
އިއްޔެ އެކަނިވެސް އަވަށްޓެރި ޝްރީ ލަންކާ އިން އިތުރު 10 މީހަކު ވަނީ އެ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ ގައުމުގައި މިހާރު 29 މީހަކަށް އެ ބަލި ވަނީ ޖެހިފަ އެވެ.
މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ލަންކާ ސަރުކާރުން މިހާރުވެސް ވަނީ، އަސާސީ ހިދުމަތްތައްދޭ ތަންތަން ފިޔަވައި، އެހެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފަ އެވެ. މީގެއިތުރުން، ސްކޫލްތަކާއި، ޔުނިވާސިޓީތަކާއި، ޒޫތަކާއި މިއުޒިއަމްތައްވެސް ވަނީ ބަންދުކޮށްފަ އެވެ.