ފެތުރެމުން މިދާ ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ދެވޭނެ ފަރުވާ ދިވެހި ބޭސްވެރިކަމުގައި އެބަހުރި ކަމަށް ދިވެހި ބޭސްވެރިންގެ ޖަމިއްޔާއިން ބުނެފިއެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއިން މިކަން ހާމަކޮށްފައިވަނީ ކޮރޯނާ ވައިރަސްއިން ސަލާމަތްވުމަށް މަސައްކަތްކުރާ ޓީމުގައި ދިވެހި ބޭސްވެރިންވެސް ބައިވެރިކޮށްދެއްވައި އަދި ދިވެހި ބޭހުގެ ބޭނުންވެސް ހިއްޕެވުން އެދި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނަށް އިއްޔެ ފޮނުވާށފައިވާ ސިޓީއެއްގައެވެ.
"ކޮރޯނާ ވައިރަސް ކޮންޓްރޯލް ނުކުރެވި ޤައުމުގައި ފެތުރިގެން ހިނގައިދާނެތީ މިޖަމިއްޔާގެ މެންބަރުން ވަރަށް ކަންބޮޑުވެއެވެ. އަދި ދިވެހި ބޭހުގައި މި ވައިރސްއަށް ވެސް ބޭނުންކުރެވިދާނެ ބޭސްތައް އެބަހުއްޓެވެ. ކަނޑައެޅިގެން ޔަޤީންކަމާއިއެކު، މާތް ﷲ ގެ ރަޙްމަތްފުޅާއި ލައިގެން ފަސޭހަ ކުރެވި، އަދި ރައްކާތެރިކުރެވިދާނެ ގޮތްތައްވެސް ދިވެހިބޭހުގެ ތެރޭގައި އެބަހުއްޓެވެ. އަދި އެފަދަ ބޭސްތައް މިހާރުން މިހާރަށް ފޯރުކޮށްދެވެންވެސް އެބަހުއްޓެވެ." ޖަމިއްޔާގެ ރައީސާ ސަޢީދާ މުޙައްމަދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ލިޔެފައިވެއެވެ.
ސިޓީއާއި ގުޅިގެން މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސަޢީދާ ވިދާޅުވީ ޗައިނާގައި ވެސް އެހައި ފަސޭހައިން ބަލި ފަސޭހަކުރެވުނީ ޑޮކްޓަރީ ފަރުވާގެ އިތުރުން ޙަކީމީ ބޭސް ވެސް ބޭނުންކޮށްގެން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.