ބައެއް ޢާންމު ފަރާތްތަކުން އިއްޔެ ބުނީ ޑޮލަރު ގަންނަން ލިބުނީ 16.80 އާއި 17 ރުފިޔާ ފަދަ އަގުތަކަށް ކަމަށެވެ. މިކަމާއި ގުޅިގެން ބައެއް ވިޔަފާރިވެރިންނަށް ގުޅުމުން ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ބޮޑު ލޮޅުމާއިއެކު ބޭންކްތަކުން މިހާރު ޑޮލަރު ލިބުމުގައި ދަތުތަކެއް އެބަހުރި ކަމަށެވެ.
"ބޭންކްތަކުން އަދި އެބަ ދޭ ކޮންމެވެސް ވަރަކަށް އެލްސީ ހުޅުވައި. ނަމަވެސް އިތުރަށް ބޭނުންވާ ޑޮލަރު ޖެހެނީ ބޭރުން ގަންނަން. އެންމެން ޑޮލަރު ގަންނަން ނުކުތީމާ އަގުއުފުލިގެން އެ އުޅެނީ. އަދި މިއީ ފަސޭހައިން ޙައްލުވެދާނެ މައްސަލައެއް ކަމަކަށްވެސް ނުފެނޭ."
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ފޮނުވާ ޔޫރަޕްގެ ޤައުމުތައް ލޮކްޑައުންއަކަށް ގޮސްފައިވުމުން މިހާރު ފޮނުވާފައި ހުރި އިންވޮއިސްތަކަށް ފައިސާ ލިބުމުގައިވެސް ދަތިތަކެއް އެބަހުރިކަން ބައެއް އޮޕަރޭޓަރުން ފާހަގަކުރެއެވެ.
ޑޮލަރުގެ 17 ރުފިޔާއަށް އެރުމަކީ ގާތްގަނޑަކަށް 20 އިންސައްތަ ބޮޑުވުމެކެވެ. ވީމާ މިފަދަ ހާލަތުގައި ޢާންމުކޮށް ކަންކަން ކުރަމުން އަންނަ ގޮތަށް ބަލައިފިނަމަ ބާޒާރުގައި މުދަލުގެ އަގު 25 އިންސައްތަ އުފުލިގެންދާނެކަމަށް މިހާރު މިވަނީ ބަލަންޖެހިފައެވެ.