ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާއި ގުޅިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމް ވަގުތީގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް އެ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިއަދުން ފެނިގެން މިސްކިތްތަކުގައި ދީނީ ނަސޭހަތް ދިނުމުގެ ޕްރޮގްރާމްތައް ވަގުތީ ގޮތުން ހުއްޓާލުމަށާއި މިސްކިތްތަކާއި އާންމު ތަންތަނުގައި ދަރުސް ދިނުމުގެ ހުއްދަދީފައިވާ ހުރިހާ ފަރާތްތަކުންވެސް މިނިސްޓްރީއިން އަންގަންދެން، ދަރުސް ދިނުމުގެ ޕްރޮގްރާމްތައް ހުއްޓާލުމަށް އަންގާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ އާއްމުން އެއްވެ އުޅޭ ތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މާލެއާއި އަތޮޅުތެރޭގައި ތިއްބެވި ދީނީ އިލްމުވެރިން މެދުވެރިކޮށް މީޑިއާގެ ވަސީލަތްތަކުން އާންމުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށެވެ.
ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު، ރާއްޖޭގައި ވަނީ 30 ދުވަހަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާނުކޮށްފައެވެ.