ރާއްޖޭގެ އެންމެ ބޮޑެތި ރިޒޯޓުތަކުގެ ތެރޭގައި ހިމެނޭ މީރު އައިލަންޑް ރިޒޯޓުން ނެގި 12 ސާމްޕަލްވެސް ނެގަޓިވްވުމުން ރިޒޯޓު ކަރަންޓީނުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފިއެވެ.
ކޮރޮނާ ވައިރަސް އާއި ގުޅިގެން އެޗްޕީއޭ އިން މިއަދު ހާމަކުރި ބައެއް މައުލޫމާތު:
ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި، ސްޕެއިން އިން ރާއްޖެ އައި ދިވެއްސެއް، ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
އައިލެންޑް ސަފާރީ 1 އިން ކޯވިޑް19 އަށް ޓެސްޓްކުރި 2 ފަރާތެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.
އަނަންތަރަ ދިގު ރިސޯޓުން ކޯވިޑް19 އަށް ޓެސްޓްކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެއްޖެއެވެ. މިފަރާތަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ.
އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގެ ކޮންޓެކްޓް ޓްރޭސިންގ ނިންމާ، ހޯމް އައިސޮލޭޝަނަށް ލާންޖެހޭ ފަރާތްތައް މިހާރު ވަނީ އެކަހެރި ކުރެވިފައެވެ. އެހެންކަމުން މި ރިސޯޓުގެ މޮނިޓަރިންގ މަސައްކަތް މިހާރު ވަނީ ނިމުމަކަށް ގެނެވިފައެވެ.
ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވިލަމަންދޫ އައިލަންޑް ރިސޯޓުން ބިދޭސީއެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓުގައި ވަނީ މޮނިޓަރިންގްއަށް ލެވިފައެވެ. އަދި މީނާ އާއި ކޮންޓެކްޓްވި އެހެންފަރާތަކާ ދެމީހުން އެކަހެރި ކޮށް ބަހެއްޓުމަށް ވަނީ ނިންމިފައެވެ.