ކޮރޯނާ ވައިރަސް އާ ހުރެ ދުނިޔެއިން މޮޔަނުވާށެވެ! މާދަމާގެ ކަންކަން ﷲ އަށް ވަކީލުކުރާށެވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
ކޮރޯނާ ވައިރަސް އާ ހުރެ ދުނިޔެއިން މޮޔަނުވާށެވެ! މާދަމާގެ ކަންކަން ﷲ އަށް ވަކީލުކުރާށެވެ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން މިހާރު ގިނަ ބައަކު އެންމެ ބޮޑަށް ކަންބޮޑުވަނީ އެމީހުންނަށް ލިބޭ އާމްދަނީ މަދުވެ ލޯނުތައް ނުދެއްކިދާނެތީއެވެ. މޯގޭޖްތައް ސަލާމަތް ނުކުރެވިދާނެތީއެވެ. މުސާރަ ކުޑަވެ ބަނޑަށް ޖެހިދާނެތީއެވެ. ކުރަން ފަށާފައިވާ މަސައްކަތްތައް ނިންމައި ނުލެވިދާނެތީއެވެ. 

މިކަންކަމަށް ވިސްނަމުން ގޮސް ގިނަ ބައަކު މިހާރު ތިބީ ދުނިޔެއިން މޮޔަވާ ޙާލަތުގައެވެ. އެހެން އެވަނީ އިސްލާމް ދީނުގައި ކަންކަން އޮތް ގޮތާއިމެދު ވިސްނައި ނުލެވޭތީއެވެ! ޤަޟާޤަދަރަށް އީމާން ނުވެވޭތީއެވެ. ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވާންވެގެން ނޫނީ އީމާންކަން ފުރިހަމަ ނުވާނެކަން ނުވިސްނޭތީއެވެ. 

ކޮރޯނާ ވައިރަސްގެ ސަބަބުން ވެސް އަދި އެހެން ކަމެއްގެ ސަބަބުން ވެސް ތިމާއަށް ކުރިމަތިވާނީ އެމީހަކަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރު ކުރައްވަވާފައި ކަންކަމެވެ. އިތުރު އެއްވެސް ކަމެއް މެދުވެރިއެއް ނުވާނެއެވެ. 

މާދަމާ ކުރިމަތިވެދާނެ ކަންކަމަށް ބިރު ނުގަންނާށެވެ.! މާދަމާ ކަންކަން މެދުވެރިވާނެ ގޮތް ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ މާދަމާގެ ކަންކަން ﷲ ތަޢާލާއަށް ވަކީލުކޮށް ދޫކޮށްލާށެވެ! 

ނަމަވެސް އެއިގެ މާނައަކީ މުޅި ދުނިޔެ ކުއްލި ޙާލަތަކަށް ވެއްޓިގެންދާއިރު އަޅައިނުލާ އަތް އުރާލައިގެން ހުރުމެއް ނޫނެވެ. ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ނުގެނައުމެއް ނޫނެވެ. 

ޚަރަދުތައް ކުޑަކުރާށެވެ! ދިރިއުޅުމުގެ ކަންކަން ސަލާމަތްކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމަށް ފެންނަ ރަނގަޅު ގޮތްތަކަށް ޢަމަލުކުރާށެވެ! ނަމަވެސް މާދަމާ މެދުވެރިވެދާނެ ގޮތަކަށް ވިސްނަމުން ގޮސް ދުނިޔެއިން މޮޔަވާވަރު ނުވާށެވެ!   

ކޮރޯނާ ވައިރަސް އަކީވެސް އަދި ކޮންމެ މުޞީބާތަކީވެސް އިމްތިޙާނެކެވެ.! އިމްތިޙާނުން ފާސްވާނީ ކެތްތެރިންނެވެ. ވިސްނުންތެރިކަމާއިއެކު ޢަމަލުކުރާ މީހުންނެވެ. ވީމާ މިއީ ކެތްތެރިކަން އިސްކޮށް، ދިރިއުޅުމުގެ ކަންކަން ހަރުދަނާކޮށް އިޤްޠިޞާދުކުރުމުގެ ވަގުތެވެ! މާދަމާ މެދުވެރިވެދާނެ ކަންކަން ﷲ ތަޢާލާއަށް ވަކީލުކުރާށެވެ! ﷲ ތަޢާލާއަށް ވަކީލުކުރުމާއިއެކު  ސަބަބުތަކުގައި ހިފަހައްޓައިގެން މުޞީބާތުން އަރައިގަންނަން މަސައްކަތްކުރާ މީހުންނަށް ﷲ ތަޢާލާ މަގު ދައްކަވާނެތެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން