ޖެންޑާ މިނިސްޓަރަށް މަޖިލިހުން ރުހުން ދިނުން މާދަމާ!

ކިޔުމަށް ހޭދަވާނީ 1މ 29ސ
ޖެންޑާ މިނިސްޓަރަށް މަޖިލިހުން ރުހުން ދިނުން މާދަމާ!

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް ޢައްޔަން ކުރައްވާފައިވާ ޢާއިޝަތު މުޙައްމަދުދީދީއަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖެންޑާ މިނިސްޓަރުގެ މަޤާމަށް ފެބްރުއަރީ މަހުގެ 9ވަނަ ދުވަހު އައްޔަން ކުރައްވާފައިވާ ޢާއިޝަތު މުޙައްމަދުދީދީއަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީން ނިންމާފައިވަނީ މާރޗް މަހުގެ 4ވަނަ ދުވަހުއެވެ. އެކަމަނާއަށް ރުހުން ދެއްވުމަށް ކޮމިޓީން ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޢާއިޝަތު މުޙައްމަދުދީދީ ޖެންޑަރ މިނިސްޓަރުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމުގައެވެ.

އެކަމަނާ ވަނީ 2005 އިން 2008 އަށް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީގެ މަޤާމު ފުރުއްވާފައެވެ. އަދި އިޖްތިމާޢީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. މީގެ ތެރޭގައި ތަޢުލީމާއި، ކުޑަކުދިން އަދި އަންހެނުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތުކުރެއްވުމާއި، ޖެންޑަރ އީކުއަލިޓީ ކައުންސިލްގެ ޗެއަރޕަރސަންކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑަރ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވަރނިންގ ބޯޑުގެ ޗެއަރޕަރސަންކަމާއި، ކައުންސިލް ފޮރ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއަރޕަރސަންކަމާއި، ސޮސައިޓީ ފޮރ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.

މިއަދު އޮންލައިން