ރާއްޖޭގައި މިވަގުތު ކުޅިވަރު މުބާރާތްތައް ބޭއްވުން ފަދަ މީހުން އެއްވެ އުޅޭ ކަންކަން ކުރާނަމަ އެކަންކުރާ ބައަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފުލުހުން ގެންދަނީ އެކަންކަން ބަލަމުން ކަމަށާއި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. މީގެ އިތުރުން ރިޒޯޓުތަކުގެ މުވައްޒިފުން ރިޒޯޓުން ބޭރަށް އެހެން ރަށްރަށަށް ދާނަމަ އެކަންވެސް ބަލާނެ ކަމަށެވެ.
ރިޒޯޓުތަކުގެ މުވައްޒިފުން ފުރާ ފަތުރުވެރިން ފުރަން ގެންދިއުން ފަދަ ކޮންމެހެން ކުރަން ޖެހޭ ދަތުރަކަށް ނޫން ގޮތަކަށް ރިޒޯޓުން ބޭރު ނުވެ ރިޒޯޓުގައި ތިބުމަށް އިއްޔެ ވަނީ އަމުރުކޮށްފައެވެ. ނަމަވެސް ރިޒޯޓުތަކުގެ މުވައްޒިފުންނަސް ރިޒޯޓުތަކަށް ދިއުމުގެ ހުއްދަ ވަނީ ދީފައެވެ.