ކޮރޯނާ ވައިރަސް އަށް ޝައްކުކުރެވޭ އެއްވެސް މީހަކާއި ބައްދަލުވުން ފަދަ ކަމެއް މެދުވެރިވެފައިވާނަމަ، އައިޖީއެމްއެޗް، އޭޑީކޭ އަދި އެނޫންވެސް ޢާންމުން ފަރުވާ ހޯދަން ގޮސްއުޅޭ ތަންތަނަށް ގޮސް މީހުންނާއި މަސްހުނިވުމުގެ ކުރިން ހެލްޕްލައިން އާއި ގުޅައި ޢަމަލުކުރަންވީ ގޮތުގެ އިރުޝާދު ހޯދަން އިލްތިމާސްކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުރާދު ވިދާޅުވީ ބައެއް މީހުން، ޝައްކުކުރެވޭ މީހުންނާއި ބައްދަލުވިކަން އެނގިހުރެ ހޮސްޕިޓަލްތަކަށް ގޮސް ޑޮކްޓަރަށް ދައްކައި އެކަމުގެ ވާހަކަތައް ދައްކާ ކަމަށެވެ. އެހެންކަމުން ކިރިޔާވެސް ތުހުމަތެއް ކުރެވޭނަމަ ޢާންމުން ގޮސްއުޅޭ ކްލިނިކް ނުވަތަ ހޮސްޕިޓަލްތަކަށް ނުގޮސް ހެލްޕް ލައިންގެ އިރުޝާދު ހޯދަން އެދިވަދައިގަންނަވާ ކަމަށެވެ.
މާތް ﷲގެ ވާގިފުޅާއި ހެޔޮ ރަޙްމަތްފުޅުން އަދި މިހައިތަނަށް އެއްވެސް ދިވެއްސަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައެއް ނުވެއެވެ. ވީމާ ރައްކައުތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.
ސަރުކާރުގެ އިތުރުން ދީނީ ޢިލްމުވެރިންވެސް ގެންދަވަނީ ޑިކްޓަރުން ދެއްވާ އިރުޝާދުތަކަށް ޢަމަލުކުރަން އިލްތިމާސްކުރައްވަމުންނެވެ.