ތިމާ މަރުވުމުން އެ ހިސާބުން ތިމާގެ ހުރިހާ ކަމެއް ނިމުނީ ކަމަށް ހީނުކުރާށެވެ. މަރުވެ ވަޅުލެވުމުން ވެސް އެމީހަކު ދިރިއުޅޭނެއެވެ. މާނައަކީ އޭނާގެ ފުރާނަ ދިރިއުޅޭނެ ކަމެވެ. ތަފާތަކީ އެއްވެސް ކަމެއް އޭނާއަށް އަމިއްލަ އިޚްތިޔާރުގައި ކުރުމުގެ އިޒުނަ އެމީހަކަށް ލިބިގެނެއް ނުވެއެވެ.
މަރުގެ މަލާއިކަތާ އޭނާގެ ލޮލަށް ފެންނަ ހިސާބުން ފެށިގެން ތައުބާވުމުގެ ދޮރު އެވަނީ ބަންދުވެފައެވެ. އެމީހަކީ ތައުބާ ނުވެ ހުރި މީހެއް ނަމަ ތައުބާއެއް ނުވެވޭނެއެވެ. އަދި މަރުވުމަށްފަހުގައިވެސް ތައުބާއެއް ނުވެވޭނެއެވެ. ތައުބާވުން އަވަސްކުރަން ޖެހެނީ އެ ސަބަބަށްޓަކައެވެ.
ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ހެޔޮގޮތުގައި ދުނިޔޭގައި އުޅުނު މީހުން ކައްވަޅުގައިވެސް ތިބޭނީ އުފަލުގައެވެ. ﷲ ތަޢާލާގެ ނިޢްމަތުގައެވެ. ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ނުވި މީހުން ތިބޭނީ އެމީހުންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާ ބިރުވެރިކަމާއި ޢަޛާބުގައެވެ.
މީސްތަކުން މަރުވުމުން ބިމުގައި ވަޅުލެވޭނެ ކަމާއި އެމީހުން ވަޅުލެވުމުން އުޅޭނީ ދިރިހުރި ހާލުގައިކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. ކަނޑަށް ޣަރަޤްވާ މީހުންނާއި ބޮމުގެ ހާދިސާތައް ފަދަ ކަންކަމުގައި ހަށިގޮވައިގެން ވަޅު ނުލެވޭ މީހުންވެސް މަރުވުމަށްފަހު މެދުވެރިވާނީ ވަޅުލެވޭ މީހުންގެ ޙާލަތެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ އެވެ.
މަރުވެ ވަޅުލެވުނު ނަމަވެސް އެމީހަކަށް ﷲ ތައާލާ އިއްވެވި އަޑެއް އިވޭނެއެވެ. ދުނިޔޭގައި ހިނގާ ކަންކަމުން އެންގެވި ކަމެއްވެސް އެނގޭނެއެވެ. އެކަމުގެ ދަލީލަކީ ވަޅުލާފައި މީސްތަކުން އަންނައިރު އެމީހުންގެ ފައިވާނުގެ (ފިޔަވަޅުގެ) އަޑު އެމީހަކަށް އިވޭނެކަން ޙަދީޘްފުޅުން އެނގެން އޮތުމެވެ.
މީސްތަކުންނޭވެ! ކައްވަޅުގެ ހަޔާތަށް މިކިޔަނީ ބަރުޒަޚުގެ ޢާލަމެވެ. އެޢާލަމުގައި ހޭދަކުރަން ޖެހޭނީ ކިތައް ބިލިއަން އަހަރުކަން އެނގޭނެ ހަމައެކަކުވެސް ނެތެވެ. އެއީ ތިމާއަށް ޢަޛާބު ލިބިގެންދާނެ ދުވަސްތަކަކަށްވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ. ދުނިޔޭގައި ހޭދަކުރަން މިލިބޭ މަދު ދުވަސްކޮޅަކީ ބަރުޒަޚުގެ ޢާލަމާއި އާޚިރަތް ދުވަސް ނުވަތަ ޤިޔާމަތް ދުވަސް ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރާ ދުވަސްތަކަކަށް ހަދާށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން