ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރެސްގެ ވަބާއިން މުޅި ދުނިޔެ ސިއްސުވާލައިފިއެވެ. މުޅި ދުނިޔެ އިޤުތިސާދީ ކަޅު ވިލާގަނޑެއްގެ ދަށުލައިފިއެވެ. އިންސާނީ، ދުނިޔަވީ އެތައް ކަމެއް ހުއްޓުވައިފިއެވެ. ދުނިޔޭގެ ތަހުޒީބީ އެތައް ސިޓީތަކެއް ފަޅުވެއްޖެއެވެ. ހާސްކަމާ، ކަންބޮޑުވުމަކަށް މުޅި ދުނިޔެ ވެއްޓިއްޖެއެވެ. އިންސާނީ ވަސީލަތްތަކަށް ޖެހި، ދުނިޔަވީ ލައްޒަތާ ޖާހުން އެތައް ބަޔަކު ބޭރުކުރުވައިފިއެވެ.
ކޮންޓްރޯލުން ނެއްޓި ފެތުރެމުންދާ ވަބާއެއްގެގޮތުގައި ކޮވިޑް 19، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަނޑައަޅާފައިވާއިރު، ޒަމާނީ ވަސީލަތްތަކުގައި ނަން ހިނގާ ގައުމުތަށްވެސް ކޮވިޑް 19ގެ ސަބަބުން ”ކުޑަ ކަކުލަށް“ ތިރިކުރުވައިފިއެވެ. ހުއްޓުމެއްނެތި އެއްލައްކަ ފަންސާސްހާހެއެއްހާ މީހުން ބައްޔަށް ފައްސިވެފައިވާއިރު، އެކަމުގައި ފުރާނަ ދޫކޮށް ދިޔަ މީހުންގެ އަދަދު ގާތްގަނޑަކަށް ފަސްހާހުން މައްޗަށް އަރައިފިއެވެ. އެ އަދަދު ދަނީ ހަލުވިކަމާއެކު އިތުރުވެސް ވަމުންނެވެ.
______________________________________
ދިވެހި ރާއްޖެއަށްވެސް ކޮރޯނާގެ ބިރުވެރިކަން ބޮޑުވެފައިވާ މިދަނޑިވަޅަކީ ވިސްނާ އިބުރަތް ހާސިލްކުރުމަށް ވަގުތު ހުސްކޮށްލަންވީ ވަގުތު ނޫންތޯއެވެ. އިންސާނީ ނަސްލުގެ ބަލިކަށިކަމާއި، ދުނިޔޭގެ ފަނާވަނިވި އުފަލާ ލައްޒަތަކީ އެއްވެސް އެއްޗެއް ނޫންކަން މިއަދު ދޭހަވެގެންދެއެވެ. ބޮޑެތި އެތައް ގައުމަކުންވެސް ގޮތް ހުސްވެ، އުންމީދު ކަނޑާލަމުންދާ މިދަނޑިވަޅަކީ އިބުރަތުން ފުރިގެންވާ އެތައް ހާދިސާތަކެއްގެ ވަގުތެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ތަޢުބާވުން އިތުރުކޮށް، މާތް ﷲގެ މަގަށް ރުޖޫޢަވާން ލިބުނު ފުރުސަތެއް ކަމުގައި ނޫނީ މިވަގުތު ނުވާނެއެވެ.
ދުނިޔޭގެ އާރާބާރާ، ލައްޒަތުގައި، ތަނަވަސް ދިރިއުޅުމެއް އުޅެމުންދިޔަ ނަމަވެސް، މިއަދު، ކޮރޯނާގެ ވަބާއަށް ފިލޭނެ އެއްވެސް ގޮތެއް ނެތެވެ. މާތް ﷲގެ މި އިމްތިހާނުން މިންޖުވާން ދާނެ ތަނެއް، ވަންނާނެ ގަނޑުވަރެއް ނެތެވެ. ބަލަމާ ހިންގަވާށެވެ. މުއްސަންޖެއް ފަގީރެއް، މަގާމެއް، ކޮރޯނާއަކަށް ނެތެވެ. ބޮޑެތި މުއްސަނދި ފުޓުބޯޅަ ޓީމުތަކަށްވެސް ކަރަންޓީނުގެ ހާލަތަށް ދާން މަޖުބޫރުވެއްޖެއެވެ. ވިޔަފާރީގެ ބޮޑެތި ކުންފުނިތަށް ބަނގުރޫޓުވުމުގެ މިސްރާބު ހިފައިފިއެވެ. ފަތުރުވެރިކަން އިނދަޖެހުމާ ގާތްވެއްޖެއެވެ. ފުޓުބޯޅަ ލީގުތަކާއި، އަގުބޮޑެތި ފިލްމް އުފެއްދުންތައްވެސް މަޑު ޖައްސާލަންޖެހި، ނަން ހިނގާ އެތައް ބަޔަކުވެސް ކޮވިޑް 19އަށް ފައްސިވެއްޖެއެވެ.
އެފަދަ ބައެއް ނަންތައް ފާހަގަކޮށްލުމަކީވެސް ނެތް ކަމެއް ނޫނެވެ. ކެނެޑާގެ ޕްރައިމް މިނިސްޓަރު ޖަސްޓިން ޓްރޫޑޯގެ ލޮބުވެތި އަނބިކަނބަލުން ސޯފީ ގްރެގޯރޭގެ އިތުރުން އިނގިރޭސި ޕްރިމިއާލީގުގެ ނަން ހިނގާ ޓީމެއް ކަމަށްވާ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، އަދި ޗެލްސީގެ ކުޅުންތެރިޔާ ކަލުމް ހަޑްސަން އޮޑޯއާއި، ޔުވެންޓަސްގެ ރުގާނީ އަދި އިޓަލީ ލީގުގައި ކުޅޭ ބައެއް އިތުރު ކުޅުންތެރިންވެސް ވަނީ ކޮވިޑް 19އަށް ފައްސިވެފައެވެ.
ހަމައެއާއެކު އެކްޓަރުންގެ ޖޯޑެއް ކަމަށްވާ ޓޮމް ހޭންކްގެ ދެމަފިރިންވެސް ކޮވިޑަށް ފައްސިވެފައިވާއިރު، އެމެރިކާގެ މަޔާމީ ސްޓޭޓްގެ މޭޔަރު ފްރޭންސިސް ސުއަރޭޒްއާއި ބްރެޒިލް އަދި އޮސްޓްރޭލިއާގެ ޑިޕްލަމެޓުންވެސް ވަނީ ކޮވިޑް 19އަށް ފައްސިވެފައެވެ. އަދި އިނގިރޭސިވިލާތާއި އީރާންގެ ކެބްނެޓް މިނިސްޓަރުންވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.
އޭގެ އިތުރުންވެސް އެމެރިކާގެ ބާސްކެޓް ލީގަށް ކުޅޭ ނަން މަޝްހޫރު ބައެއް ތަރިންވެސް ކޮވިޑަށް ފައްސިވެފައިވާއިރު، ރެއާލް މެޑްރިޑާއި، ބާސެލޯނާގެ އިތުރުން އިނގިރޭސި އަދި އިޓަލީގެ ވަރުގަދަ ފުޓުބޯޅަ ލީގުތަކުގައި ކުޅޭ ޓީމުތައްވެސް، އެއްކޮށް ކަރަންޓީނަށް ދާން ޖެހި، މުޅި ދުނިޔޭގެ ކުޅިވަރު ވަނީ ހުއްޓިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށްވެސް ކޮވިޑް 19ގެ ބިރު އިންތިހާއަށް ބޮޑުވެގެންދިޔައިރު، މި ކިޔާލެވުނީ މުޅިންހެން މިލިއަނަރުންނާއި ބިލިއަނަރުންގެ ވާހަކައެވެ.
ނަން ހިނގާ ނަން މަޝްހޫރު ކްލަބުތަކާއި، ބޮޑެތި ވިޔަފާރި ފްރެންޗައިސްތަކުގެ ވާހަކައެވެ. މީގެން އެއްވެސް ބަޔަކަށް ކޮވިޑް19ގެ ބަލިމަޑުކަމަކުން ނުރެކެވުނެވެ. މާތް ﷲގެ އިލާހީ ނިންމެވުމަކުން ސަލާމަތެއް ނުވެވުނެވެ. މިއީ އިބުރަތް ހާސިލްކުރަން ޖެހޭ ކަންކަމެވެ. މިފަދަ ހާލަތެއްގައި މާތް ﷲގެ މަގަށް ރުޖޫޢަވެ، އެކަލާނގެއަށް ދުޢާކުރުން ނޫން ވަކި މޮޅު ފަރުވާއެއް ނެތެވެ. މިއީ އީމާންކަން ވަރުގަދަކޮށް، އަގީދާ ވަރުގަދަކުރަންވީ ވަގުތެވެ. ދުނިޔޭގެ ޖާހާ ލައްޒަތަށްވުރެ، އާޚިރަތުގެ ފަލާހާ ކާމިޔާބު މުހިއްމުކަން ދެނެގަންނަންވީ ވަގުތެވެ.
(މިއީ މުޙައްމަދު ޝައްމޫން، ޢިލްމް.އެމްވީ ގައި ލިޔުއްވާފައިވާ ލިޔުމެއް އެއިގެ އަޞްލާއި އެއްގޮތަށެވެ.)