މާލޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު ވިދާޅުވީ އެ ކުންފުނީގެ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށް އެއް ޓަނު ފެން ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ ފެން ބިލުން އެއް ޓަނަށްވާ ފައިސާ އުނިކޮށްގެން ކަމަށެވެ.
ކޯވިޑް-19ގެ ނުރައްކާ ބޮޑުވެ، ރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރުމާއި ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދިނުމުގެ ގޮތުން ސަރުކާރުގެ ފެން ކުންފުނިން، އެމް.ޑަބްލިއު.އެސް.ސީން ވަނީ މާލޭގެ ކޮންމެ ގޭބިސީއަކަށް އެއް ޓަނުގެ ފެން ހިލޭ ދިނުމަށް ނިންމާފައެވެ. އަދި ޢާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާންކުރި ދުވަސްކަމަށްވާ 12 މާރިޗު 2020 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ގޭބިސީތަކުގެ ފެންބިލުން މި މިންވަރުގެ ފެނަށް ވާ އަގު އުނިކުރާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމް.ޑަބްލިއު.އެސް.ސީގެ އެމްޑީ ވިދާޅުވީ، އެކުންފުނިން މިގޮތަށް ނިންމާފައިވަނީ މި ދުވަސްވަރު ފެން ބިލްތައް ބޮޑުވެދާނެކަމުގެ ކަންބޮޑުވުން އާއްމުންގެ ތެރޭގައި އޮތުމާއެކު، އެކަމަށް ލުޔެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން މިވަގުތުވެސް އެކުންފުނީގައި 44 ހާހަށްވުރެ ގިނަ ޑޮމެސްޓިކް ކަސްޓަމަރުން ތިބިއިރު، 1 ޓަނުގެ ފެން ހިލޭ ފޯރުކޮށްދިނުމަށް އެކުންފުނީގެ ސީ.އެސް.އާރުގެ ތެރެއިން ގާތްގަނޑަކަށް 3 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެކަމަށް ޝާހު ވިދާޅުވިއެވެ. އަދި ކުއްލި ހާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ އެކްޓިވް މީޓަރަކަށްވެސް 1 ޓަނު ފެން ހިލޭ ލިބޭކަން ކަށަވަރުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
"ސަރުކާރު އިދާރާތަކުންނާއި ޓާސްކްފޯހުންވެސް އެންމެ ބޮޑަށް، އެންމެ ގިނައިން ވިދާޅުވާ އެކައްޗަކީ ސާފުތާހިރުކަމާއި ގިނައިން އަތްދޮވުމަށް. މިކަންކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ ވަރަށް ގިނައިން ފެން ބޭނުންވާނެކަމަށް. އެކަންކަމަށް އާއްމުންނަށް އިލްތިމާސްކުރަމުންދާއިރު، ފެން ބިލް ބޮޑުވެދާނެކަމުގެ ކަންބޮޑުވުންތަކެއްވެސް ވަނީ ފާހަގަކުރެވިފައި. އެކަމަށް ލުޔެއް ދިނުމަށްޓަކާ އަޅުގަނޑުމެން މި ގަސްތުކުރީ ކޮންމެ ޑޮމެސްޓިކް ކަސްޓަމަރަކަށްވެސް އެއް ޓަނު ފެން ހިލޭ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް" ޝާހު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހު ވިދާޅުވީ، މިކަން ކުރުމުގައި އެންމެ ބޮޑަށް ވިސްނާފައިވަނީ އެއް ޓަނު ފެން ހިލޭ ދޫ ކުރުމުން ފެން ބިލުން އުނިވާނީ ކިހާ މިންވަރެއްތޯ ބެލުމުގެ ބަދަލުގައި، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެން ފޯރުކޮށްދެވޭނެ ގޮތަކަށް ވިސްނައިގެންކަމަށެވެ. އެގޮތުން 1 ޓަނު ފެނުން 10 މީހުންގެ ދިރިއުޅޭ ގޭބިސީއަކުން ކޮންމެ މީހަކަށްވެސް ދުވާލަކު ފަހެއް ނުވަތަ ހަ ފަހަރު ރަނގަޅަށް އަތްދޮވެވޭނެކަމަށް ޝާހު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި ދޭ 1000 ލީޓަރު ނުވަތަ 1 ޓަނު ފެނުން ދުވާލަކަށް 33 ލީޓަރު ފެން ކޮންމެ ގޭބިސީއަކަށް ދެވޭނެ. 33 ލީޓަރު ފެނުގެ މާނައަކީ 5 ލީޓަރުގެ 6 ފުޅި ފެން. އަޅުގަނޑުމެން މި ބަލަނީ 500 އެމް.އެލްގެ ފެން ފުޅިއަކުން އެއް ފަހަރު ރަނގަޅަށް އަތްދޮވެލެވޭނެ. އެހެންވީމަ އަޅުގަނޑުމެން މި ހިލޭ ދޫކޮށްލާ 1 ޓަނު ފެނުން 10 މީހުން އުޅޭ ގޭބިސީއަކުން ކޮންމެ މީހަކަށްވެސް 5 ނޫނީ 6 ފަހަރު ރަނގަޅަށް އަތްދޮވެލެވޭނެ" ޝާހު ވިދާޅުވިއެވެ.