ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޓެސްޓު ކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވެފައިވަނީ އެޓެސްޓު ހަދާފައިވަނީ އިއްޔެ ކަމަށާއި މިހާރު ޓެސްޓު ސާމްޕަލް ލެބަކަށް ފޮނުވާފައިވާ ކަމަށެވެ. އަދި ޓެސްޓުގެ ނަތީޖާ ލިބެން ދެ ދުވަސްވަރު ނަގާފާނެ ކަމަށް ބެލެވޭ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެއެވެ.
ކޮވިޑް 19 އަށް ޓްރަމްޕް ޓެސްޓު ކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ޓްރާމްޕާއި ބައްދަލުކުރެއްވި ބްރެޒިލްގެ އޮފިޝަލުންތަކެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެހެންކަމުން ޓްރަމްޕް އަމިއްލަފުޅަށް ކަރަންޓީނަށް ވަޑައިގަތުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.
މިބައްޔާއި ގުޅިގެން އެމެރިކާގައި ވެސް އިއްޔެ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގައި އިއުލާންކުރިއިރު، އެ ޤައުމުގެ 44 ސްޓޭޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކޭސްތައް ފެނިފައިވެއެވެ. އެގޮތުން އެމެރިކާ އިން 1701 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 40 މީހަކު އެމެރިކާގައި ވަނީ މަރުވެފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ކުރިންވެސް އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ގިނަ މީހުން އެއްތަނަކަށް އެއްވުން މަނާކުރުމާއި، ސްކޫލްތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.