ކޮރޯނާ ވައިރަސް ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ޢާއިލާގެ މުހިންމުކަމާ ޢާއިލާ އާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
ކޮރޯނާ ވައިރަސް ދަސްކޮށްދިން އެންމެ މުހިންމު ފިލާވަޅަކީ ޢާއިލާގެ މުހިންމުކަމާ ޢާއިލާ އާއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަން!

އިސްލާމް ދީނުގައި އެންމެ ބޮޑަށް ބާރުއަޅާ އެއްކަމަކީ ޢާއިލާއަށް އިސްކަން ދިނުމެވެ. ޢާއިލާ އާއިއެކު ވީހައި ގިނަ ވަގުތުތައް ހޭދަކުރުމެވެ. ޢާއިލާގެ އެންމެންވެސް އެކަކު އަނެކަކަށް އެހީތެރިވުމެވެ. ނަމަވެސް މިކަންކަން މަތިން ގިނަ ބައަކު ވަނީ ހަނދުމަނެތިކޮށްލައިފައެވެ.  

ކޮރޯނާ ވައިރަސް އާއި ގުޅިގެން ފެނިގެން މިދިއަ އެއް ކަމަކީ ގިނަވަގުތު ބޭރުގައި ހޭދަ ނުކުރުމުގެ މުހިންމުކަމެވެ. ގޭގައި ޢާއިލާ އާއިއެކު ވަގުތު ހޭދަކުރުމުގެ މުހިންމުކަމެވެ. އެކަން ކުރަން ބޭނުން ނުވި ބައެއް މީހުންނަށް މިއަދު އެވަނީ އެކަންކުރަން މަޖުބޫރުވެފައެވެ. އަމިއްލައަށް ކަރަންޓީނުވެގެން ގޭގައި ތިބެންވެސް މަޖުބޫރުވެފައެވެ.  

އިޓަލީއަށް ބަލާށެވެ! މުޅި ޤައުމު އެވަނީ ބަންދެއްގައެވެ. ޢާއިލާތައް އެތިބީ އެކުގައި ގޭބަންދުވެގެންނެވެ. އެކަކު އަނެކަކަށް އެހީތެރިވުން މިއަދު އެވަނީ މަޖުބޫރުވެފައެވެ. މިޙާލަތު އެންމެ ބޮޑީ އިޓަލީގައިކަމަސްވެދާނެއެވެ. ނަމަވެސް ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިއަދު އޮތީ މިޙާލަތެވެ.

މިފަދަ ކޮންމެ ކަމަކުން މުސްލިމުން ލިބިގަންނަން ޖެހޭނެ ފިލާވަޅުތައް ބައިވަރެވެ. ޙާޞިލުކުރަން ޖެހޭނެ ޢިބްރަތްތައްވެސް ބައިވަރެވެ. މިފަދަ ކޮންމެ ކަމަކުން އެނގިގެންދަނީ އިސްލާމް ދީނުގެ މަތިވެރިކަމެވެ. އިސްލާމީ އުޞޫލުތަކުގެ މަތިވެރިކަމެވެ. ވިސްނައިލާށެވެ! މުސްލިމުންނަށް އޮތީ ކުރާ މަސައްކަތެއް ނިމުމުން ވީހައި އަވަހަކަށް ގެއަށް ގޮސް ޢާއިލާ އާއިއެކުގައި އެހީތެރިވެގެން ވަގުތު ހޭދަކުރުމެވެ. ޢިޝާ ނަމާދަށްފަހު ކޮންމެހެން ނުކުންނަން ޖެހޭ ކަމެއްގައި ނޫނީ ގެއިން ބޭރުގައި ނުއުޅުމެވެ. އަވަހަށް ނިދައި ފަތިސް ނަމާދަށް ހޭލުމެވެ.  

ވީމާ ކޮންމެ މުސްލިމަކުވެސް މިފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް އިސްލާމް ދީނުގައި އޮތް މަގު އިޚްތިޔާރުކޮށް ޢަމަލުކުރާށެވެ! ހުރިހާ ކަމަކުން ވެސް ކުރިއެރުން ލިބޭނީ އެއިރުންނެވެ. ދުނިޔެއާއި އާޚިރަތްވެސް ލިބުން ވަނީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން