ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް 19 އަށް ޝައްކުވާ އަލާމާތްތައް ފެނިގެން ބ. ފެހެންދޫ އިންނާއި ބަނޑޮސް އައިލެންޑް ރިސޯޓުން ޓެސްޓުކުރި ދެ ބިދޭސީންގެ ނަތީޖާ ނެގަޓިވް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރާއްޖޭގައި ކޯވިޑް 19 އޮތް ހާލަތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ފެހެންދޫ އާއި ބަނޑޮހުގައި ހުރި ފަތުރުވެރިޔާ ވައިރަހަށް ނެގެޓިވްވި ނަމަވެސް، އެ ދެ ރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.
އެ ދެ ފަތުރުވެރިން މިބައްޔަށް ނެގަޓިވް ވެފައިވާއިރު، ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ. އަދި ސަރުކާރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު، ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނު ކޮށްފައެވެ.
މީގެއިތުރުން، 10 މީހަކު ކޯވިޑް 19 އަށް ޕޮޒިޓިވް ވެފައިވުމާއި ގުލިގެން ސަރުކާރުން ވަނީ މުޅި ރާއްޖެއަށް ޔެލޯ އެލާރޓް ވެސް ނެރެފައެވެ. ޔެލޯ އެލާޓް ނެރެނީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެ އަންނަ ހާލަތުގަ އެވެ.