ރަސޫލް (ޞޢވ) ވަނީ މުސްލިމް ފިރިހެނުންނަށް މިސްކިތަށް އަރައި ނަމާދުކުރުމަށް އަންގަވައިފައެވެ. ނަމަވެސް ޖުނުބުވެރި ޙާލަތުގައެއް ނޫނެވެ! އަދި އެކަމުން ޞިއްޙީ ނުރައްކަލެއް އޮތް ޙާލަތެއްގައެއްވެސް ނޫނެވެ.
ރަސޫލް (ޞޢވ) ވަނީ މީސްތަކުންނަށް ސަލާމްކުރަން އަންގަވައިފައެވެ. ނަމަވެސް ހިލޭ ފިރިހެނުންނާއި އަންހެނުންނެއް ނޫނެވެ. އަދި ސަލާމްކުރުމުން ޞިއްޙީ ނުރައްކަލެއް އޮތް ޙާލަތެއްގައެއްވެސް ނޫނެވެ.
ވީމާ ރަސޫލް (ޞޢވ) ދުނިޔޭގައި ހުންނެވިނަމަ މިއަދުވެސް އަންގަވާނީ ގިނައިން ސަލާމްކުރަން ކަމާއިމެދު އެއްވެސް މުސްލިމަކު ސުވާލު އުފައްދާނެ ކަމަކަށް ނުބެލެވެއެވެ. އަދި ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުތަކަށް ޖަދަލުކުރާ މީހަކު މެނުވީ ސުވާލު އުފައްދާނެ ކަމަކަށްވެސް ނުބެލެވެއެވެ.
އެކަމުގެ ފުރަތަމަ ދަލީލަކީ ގައިން ގައަށް އަރާ ބައްޔެއް ހުރިނަމަ ޞިއްޙަތު ސަލާމަތުން ތިބި މީހުންނާއި މަސްހުނިވެ އުޅުންވެސް މަނާކުރައްވަވާފައިވާތީއެވެ. މަސްހުނި ނުވުމަށް ޙަދީޘްފުޅު ކުރައްވާފައިވާތީއެވެ. ހަމައެއާއިއެކު ރަސޫލް (ޞޢވ) އެންމެ ބޮޑަށް ބާރު އަޅުއްވަވާފައިވާ އެއްކަމަކީ ޞިއްޙީ ގޮތުން ރައްކަތެރިކަމުގެ ފިޔަވަޅުތައް އެޅުމެވެ. އެކަމުގެ އެއް ދަލީލަކީ ކަރަންޓީނު ކުރުމަށް އޮތް ހަދީޘްފުޅެވެ.
ޞިއްހަތަށް އެއްވެސް ގެއްލުމެއް ލިބިދާނެ އެއްވެސް އެއްޗެއް ކައި ބޮއި ނުހެދުމަށާއި ރަނގަޅަށް ކައްކައި ރޯފިލުވައިގެން ކެއުމަށާއި އަދި ކައުމުގެ ކުރިން އަތް ރަނގަޅަށް ދޮވެ ސާފުކޮށްގެން ކެއުމަށާއި ސާފުތާހިރުކަން ކުރިއަސް ނެރުމަށް ވެސް ރަސޫލް (ޞޢވ) އުންމަތަށް އަންގަވައިފައެވެ. މިހުރިހާ ކަމަކުން ވެސް އެނގެނީ ރަސޫލް (ޞޢވ) އިންސާނުންގެ ޞިއްހަތު ސަލާމަތްކުރުމަށް ދެއްވެވި ސަމާލުކަމުގެ ބޮޑުކަމެވެ.