ހުކުރު މިސްކިތުގަ ހަކުރުބޯތީ މިސްކިތް ތަޅާލާފަ, އަތް ނުދޮވެ ކެއުމުން ބަލިއަރާތީ އަތްކަނޑަންވީތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ހުކުރު މިސްކިތުގަ ހަކުރުބޯތީ މިސްކިތް ތަޅާލާފަ, އަތް ނުދޮވެ ކެއުމުން ބަލިއަރާތީ އަތްކަނޑަންވީތޯ؟

ހުކުރު މިސްކިތުގައި ހަކުރު ބޯ ވާހަކައަކީ ދެކެވެމުން އަންނަ ވާހަކައެކެވެ. މިސްކިތް ބަންދުކުރުމުން އެކަން ގިނަވި ވާހަކަވެސް ދެކެވެއެވެ. ފަތިސް ނަމާދަށް މީހުން ދާއިރު އިސްކަންދަރު މިސްކިތުގައި ހޭނެތިފައި ތިބުމުން ނެރެ ބޭރުކުރަން ޖެހުމަކީ ހިނގާ ކަމެކެވެ. ޞަލާޙުއްދީން މިސްކިތުގެ ފާޚާނާގައި ހަކުރުބޯ ވީޑިއޯއެއް ވަނީ ޢާންމުވެފައެވެ.

 

ޙައްލަކީ މިސްކިތްތައް ތަޅައިލުންތޯއެވެ؟ ފާޚާނާތައް ބަންދުކުރުންތޯއެވެ؟ ވިޔަފާރިވެރިންގެ މިސްކިތު ތާޅަފިލިން ބަންގި ނުގޮވާ 5 މަސް ދިއުމުން ތާޅަފިލި ހަރުކޮށްފައި ހުރި މުންނާރު ތަޅައިލަންވީތޯއެވެ؟ އަތްނުދޮވެ ކެއުމުން ބަލި އަރާތީ އަތްކަނޑައިލަންވީތޯއެވެ؟

 

މިސުވާލުތައް ކުރިމަތިމިކުރަނީ މިސްކިތްތަކުގައި ދެން ކާޕެޓް އަޅަން ދެކޮޅު ހަދާ މީހުންނަށެވެ! މިސްކިތްތައް ބަލަހައްޓަން ހަވާލުކުރި ބައަކު އެކަން ނުކުރުމަކީ އަދި އެކަން ބަލަން ޖެހޭ ފަރާތްތަކުން ނުބެލުމަކީ ކާޕެޓް އެޅުން ކުށްވެރިކުރަން ޖެހޭ ކަމަށް ހަދާ މީހުންނަށެވެ. ކާޕެޓަކީ ސާފުކުރަން ޖެހޭ އެއްޗެކެވެ. ސާފުކުރުމުން ސާފުކޮށް އޮންނަކަން ނޫރު މިސްކިތުގެ ކާޕެޓުން އެނގޭނެއެވެ.

 

ކޮރޯނާވައިރަސް އާއި ގުޅިގެން ޚާއްޞަ ޙާލަތެއް މެދުވެރިވުމުން ކާޕެޓް ވަގުތީ ގޮތުން ނެގުމަކީ ތަފާތު ކަމެކެވެ. އެކަމަށް ޑޮކްޓަރުން އިރުޝާދު ދެއްވުމުން އެކަން ބަލައިގަންނަން ޖެހޭނެއެވެ. ނަމަވެސް ހިތާމައަކީ ފަލަސްޠީނުގެ ރައްޔިތުންގެ ގެތައް ތަޅަން އަމުރުކުރުމުން ވީހައި ބާރަކަށް ގޮސް އެކަން ކުރާ ގޮތަށް ކަންކަން ކުރިކަމެވެ. މިސްކިތްތަކުން ކާޕެޓް ނަގައި ހިފައިގެން ދިއައިރު މިސްކިތް ސާފުވެސް ނުކުރިކަމެވެ.

 

ހަދީބީ މިސްކިތް ސާފުކުރަން ޖެހެނީ ފަތިސް ނަމާދަށް ދިއަ މީހުންނަށެވެ. ފުރުޤާން މިސްކިތަށް އިއްޔެ ހުކުރަށް ދިއަ މީހަކު ބުނީ ފަޓުލޫނުގައި ކަޅު އެއްޗެތިތަކެއް އުނގުޅުމުން ބަލައިލިއިރު އެތަކެތި އުނގުޅިފައިވަނީ ތަޅުންގަނޑުންކަމަށެވެ. އޭނާއަކީ ފަރުޟު 5 ނަމާދު ބަރާބަރަށް ކުރައްވާ އަބަދު ހުދު ގަމީހުގައި ހުންނަވާ ބޭކަލެކެވެ.  

 

ލިނޯލިއަމް ނުވަތަ ބޯތަރަފާލުއަޅާފައިވާ މިސްކިތްތަކަކީ ފެންޖަހައި ދޮވެވޭނެ މިސްކިތްތަކެވެ. ސުވާލަކީ އެކަން ކުރެވޭތޯއެވެ؟ ދެތަރަފާލު ދުރުވެ ސަޖިދަ ކުރަން އުނދަގޫވާވަރުވެގެންދާއިރު އެކަން ރަނގަޅުކޮށްލެވޭތޯއެވެ؟ ބޮޑުގޭ ވަގުތީ މިސްކިތުގެ ކަނައަތްފަރާތު ފެންޑާ  ބައްލަވައިލައްވާށެވެ! އެއީ ރޭގެ ޢިޝާ ނަމާދަށްވެސް ފުރުނު މިސްކިތެކެވެ. ދެންވީ ތަރަފާލު ނަގައި އުކާލަންތޯއެވެ؟

 

ކިތަންމެ ހަނިދާއިރާއަކުން ނަމަވެސް ނަމާދުކުރަން ދަތިކުރުމުގެ މަގެއް ފެންނައިރަށް އެކަމަށް ތާއީދުކޮށް ވާހަކަތައް ފަތުރާ މީހުން އެކަން ކަމަށް ބަލައިލުން ރަނގަޅުވާނެއެވެ.

މިއަދު އޮންލައިން