ކޮރޯނާ ވައިރަސްއަކީ އަކީ މުޅި ދުނިޔޭގަ ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 27ސ
ކޮރޯނާ ވައިރަސްއަކީ އަކީ މުޅި ދުނިޔޭގަ ފެތުރެމުންދާ ބަލިމަޑުކަމެއް ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން: ރައީސް ޞާލިޙް

ކޯވިޑް19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށާއި ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން ކަމަށާއި މިއީ ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19] އާއި ގުޅޭގޮތުން ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:  

ވަކިން ޚާއްޞަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން.

މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މި އަންނަ މަސައްކަތުގައި، ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރަށް ބޭނުންވޭ. ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވޭ. މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެކަމުގެ ޔަޤީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލުން، އާދެ، އޭ.ޑީ.ކޭ އާއި، ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި.

ރާއްޖެއިން މި ބަލީގެ ނުރައްކާތެރިކަން ނައްތާލުމަށާއި ފެތުރުނަ ނުދިނުމަށް ރެޔާއި ދުވާލު، އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރެއިންވެސް އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންނާއި ނަރުހުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް ރެޑް ކްރެސެންޓް އަދި ސިފައިންނާއި ފުލުހުންގެ ނަން، ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން.

މިބަލީގެ މަޢުލޫމާތު، ރައްޔިތުންނާ ޙިއްސާ ކުރުމުގައި، ނޫސްވެރިން އަދާކުރާ ދައުރު ފާހަގަކޮށް، ރާއްޖޭގެ ހުރިހާ ނޫސްވެރިންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިވަގުތުވެސް ހުރިހާ ފަރާތްތަކުން އިސްކަން ދެއްވަންވީ، މި ކަމާ ގުޅޭގޮތުންވެސް ކަށަވަރު ޞައްޙަ މަޢުލޫމާތު ހާމަކުރެއްވުމަށް.

އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަން ބޭނުންވަނީ، މި ބަލިން ރައްޔިތުން ރައްކާތެރިކުރުމުގައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައްވެސް، އަދި ރާއްޖޭގައި މި ބަލީގެ ޙާލަތު އޮތްގޮތްވެސް، އެއްވެސް ފޮރުވުމެއް، ސިއްރުކުރުމެއްނެތި ހާމަކުރަމުންދާނެކަން.

މިފަދަ ކޮންމެ މުޞީބާތެއްގެ ވަގުތުގައި، އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތްވަރަކީ، އަޅުގަނޑުމެންގެ އީމާންތެރިކަން. އެހެންކަމުން، އަޅުގަނޑުމެންގެ އެންމެ މުހިންމު ކަމަކަށް ހައްދަވަންވީ، މި ނުރައްކާތެރި ބަލިމަޑުކަމުން ރައްކާތެރިކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދެންނެވުން.

އަޅުގަނޑުގެ ދުޢާއަކީ، ކޯވިޑް19ގެ ނުރައްކާތެރިކަމުން އަޅުގަނޑުމެން އެންމެހައި ދިވެހިންނާއި ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކޮށްދެއްވައި، ޞިއްޙީ ދުޅަހެޔޮކަމުގެ ނަސީބު އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. އަދި މުޅި ދުނިޔެއިން މި ނުރައްކާތެރި ބަލިމަޑުކަން ނެތިކުރައްވައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި އަމާންކަމާއި ރައްކާތެރިކަން ފަތުރުއްވައި، އަޅުގަނޑުމެންގެ އިޤްތިޞާދަށް ދިރުން ލިބޭނެ މަގު ތަނަވަސްކޮށްދެއްވުން އެދި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

 

 

 

މިއަދު އޮންލައިން