ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިން- ދެން އޮތީ ޑޮކްޓަރުންގެ އިރުޝާދަށް އަމަލުކުރުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 53ސ
ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅިން- ދެން އޮތީ ޑޮކްޓަރުންގެ އިރުޝާދަށް އަމަލުކުރުން: ރައީސް ޞާލިޙް

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، އެ ބައްޔާއިމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް ރާއްޖެއިން ވަނީ އަޅަން ފަށާފައި ކަމަށާއި ބަލި މިހާރު ރާއްޖެއިންވެސް ފެނިފައިވުމާއިއެކު މިހާރު އޮތީ ޑޮކްޓަރުންގެ އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ކޯވިޑް-19] އާއި ގުޅޭގޮތުން ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.  

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:   

އެނގިވަޑައިގަންނަވާނެ ފަދައިން، "ކޮރޯނާ ވައިރަސް" ނުވަތަ "ކޯވިޑް19" އެންމެ ފުރަތަމަ، އިންސާނުންގެ ހަށިގަނޑުން ފެންނަން ފެށީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މެދުތެރޭގައި ޗައިނާއިން. އެދުވަހުން ފެށިގެން މިއަދާ ހަމައަށް، ދުނިޔޭގެ ހުރިހާ ބައްރަކަށް މިބަލި ފެތުރި، ވަރަށް ގިނަ ޤައުމުތަކުގައި، މި ބަލީގެ މީހުން މިހާރު އެބަތިބި.

ކޯވިޑް19 އަކީ ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން މިހާރުވަނީ ކަނޑައަޅައި އިޢުލާންކޮށްފައި. މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޞިއްޙީ އިދާރާތަކަށްވެސް ކުރިމަތިވެފައި އޮތް ވަރަށް ބޮޑު ގޮންޖެހުމެއް. މި ބަލި ރާއްޖެއިން ފެނުމުގެ އެތައް ދުވަހެއް ކުރިން، މި ބައްޔާމެދު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިފިން. ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ދެނެގަތުމަށް، މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި އެސެސްމަންޓެއް ހަދައި، ތައްޔާރުވާން ފަށައިފިން.

މި ބަލި ފެތުރެމުންދާ ހަލުވިމިނަށް ބަލާއިރު، މި ބަލި ކޮންޓްރޯލް ކުރެވޭނެ ވަކި ދުވަސްވަރެއް، ދުނިޔޭގެ ޞިއްޙަތާބެހޭ ތަޖުރިބާކާރުންނަށްވެސް އަދި ޔަޤީނެއްނުވޭ. އެހެންކަމުން، މި ނުރައްކާތެރި ބަލިން އެންމެހައި ދިވެހިންނާއި، ރާއްޖޭގައި އުޅޭ އެންމެން ރައްކާތެރިކުރުމަށް، ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާ އެއްގޮތަށް. ސަރުކާރުން ފިޔަވަޅުތައް އަޅަމުން މި އަންނަނީ، ރާއްޖޭގައި ލިބެންހުރި ވަސީލަތްތަކާއި ޙާލަތަށް ބަލައި، ރާއްޖޭގައި ތިއްބެވި ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް. އެގޮތުން މި ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ބަލާ މިންގަނޑުތައް ކަނޑައަޅައި، މި މަޢުލޫމާތުތައް މިހާރު ވާނީ ޢާންމުކޮށްފައި.

ރާއްޖެއަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަޒަންކުރުމަށްފަހު، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން، މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން މިއަދު ވަނީ، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވާފައި.

ރާއްޖޭގައިވެސް މި ބަލި ޖެހިފައިވާ 8 މީހަކު މިހާރު އެބަތިބި. އަދި އެ މީހުންނާ އެކި ގޮތްގޮތުން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް، ވަރަށް ހަރުދަނާ ގޮތެއްގައި، ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުން. މި ދެންނެވި 8 މީހުންނާ ގުޅިގެން ރާއްޖޭގެ ތިން ރިޒޯޓެއްގައި ތިބި މީހުންގެ ޙާލަތު ބަލައި މޮނިޓަރ ކުރަން ފެށުނު.

އެ ތިން ރިޒޯޓަށް މެޑިކަލް ޓީމުތައް ގޮސް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަހެރި ކުރަންޖެހޭ މީހުން އެކަހެރިކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަޅާފައި. އަދި އެ ރިޒޯޓްތަކުގައި ތިބި ފަތުރުވެރިން، އެމީހުންގެ ޤައުމުތަކަށް ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައި.

މި ބަލިން ރައްކާތެރިވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުން. އެގޮތުން ޞިއްޙީ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓައި، ޢާންމު ސާފުތާހިރުކަމަށް މިދުވަސްވަރު ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް.

އަދި މި ބައްޔަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެނަމަ، އެކަން ހޮޓްލައިން ނަންބަރު 1676 އަށް ރިޕޯޓް ކުރެއްވުމަށް، އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރަން. ހަމައެއާއެކު، އެކަހެރި ކުރެވޭ މީހުންނަށް ދޭ އިރުޝާދުތައް ތަންފީޒުކުރުމަކީވެސް އެހާމެ މުހިންމު ކަމެއް. އަދި އެކަން އެގޮތަށް ހިނގާތޯ، ކަމާގުޅޭ އިދާރާތަކުން ބަލަމުންދާނެ.

އޭގެ އިތުރުން، މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކަށް ދިޔުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މިހާރުވާނީ އިޢުލާނުކޮށްފައި. އަދި މި ބަލި ބޮޑަށް ފެތުރެމުންދާ ޤައުމުތަކުން ރާއްޖެއަށް މީހުން އައުން ވަގުތީގޮތުން މިދަނީ މަނާކުރަމުން.

 

މިއަދު އޮންލައިން