ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއަށް ޗައިނާގެ އެހީތެރިކަން ހޯދަން ދެ ސަރުކާރުގެ މެދުގައި ދަނީ މަޝްވަރާކުރަމުން ކަމަށް ކޮރޯނާ ވައިރަސް އާ ބެހޭ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޒާންގ ލީޒޯންގވެސް މިއަދުވަނީ އެކަން ކަށަވަރުކޮށްދެއްވައިފައެވެ.
ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތައް ފާހަގަކުރައްވަން މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށާއި އެކަމަށްޓަކައި ރާއްޖޭގެ ގުޅުންހުރި ވަޒީރުންނާއި މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށެވެ.
ކޮރޯނާ ވައިރަސް ފެތުރިގަތީ ޗައިނާއިން ނަމަވެސް ޗައިނާއިން ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް ފާހަގަކުރެވޭފަދަ ކުރިއެރުންތައް ހޯދައިފައެވެ. ނަތީޖާއެއްގެ ގޮތުން ޑަބްލިޔޫއެޗްއޯ އާއި އެނޫންވެސް ގިނަ ފަރާތްތަކަކުން މިހާރު ގެންދަނީ ޗައިނާގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައްރީފްކުރަމުންނެވެ.