މެލޭސިޔާގައި ޝައްކުކުރި ސެރީ ޕެޓަލިންގ މިސްކިތަށް ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހާއި މާރިޗް މަހުގެ 1 ވަނަ ދުވަހާއި ދެމެދު އެއްވެސް ދިވެއްސަކު އެކަން ރިޕޯޓްކުރަން މެލޭސިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިއުލާނުކުރި ނަމަވެސް އަދި މިހައިތަނަށް އެއްވެސް މީހަކު ރިޕޯޓްކޮށްފައެއް ނުވެއެވެ.
މެލޭސިޔާއިން މިފަދަ އިއުލާނެއް ކުރީ އެދުވަސްވަރު މިސްކިތުގައި ހިންގި ޙަރަކާތްތަކުގައި ބައިވެރިވި ކަމަށް ބެލެވޭ ބުރުނާއީ މީހަކު ބުރުނާއީގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވުމުންނެވެ. ނަމަވެސް އެ އެއްވުމުގައި ބައިވެރިވި އެއްވެސް އިތުރު މީހެއްގެ ކިބައިން ބަލީގެ ޢަލާމާތްތައް އަދި ފެނިފައި ނުވާތީ އެމީހާގެ ގައަށް ވައިރަސް އެރީ ކޮންގޮތަކުންކަން އަދި ވަނީ ނުއެނގިފައެވެ.
މެލޭސިޔާގެ ހެލްތް މިނިސްޓްރީން ބުނީ އެ އްވުމުގައި ބައިވެރިވި ކަމަމަށް ބެލެވޭ 5000 މީހުންނާއި އެމީހުންނާއި ބައްދަލުވި މީހުން ހޯދަން މަސައްކަތްކުރަމުންނެވެ.
ހައިކޮމިޝަނުން މިފަދަ އިއުލާނެއް ކުރީ މެލޭސިޔާގެ ހެލްތް މިނިސްޓްރީން އެކަމަށް އެދި ޢާންމުކޮށް އިއުލާނުކުރުމާއި ގުޅިގެންނެވެ. ދިވެހި ހައިކޮމިޝަނުން ގެންދަނީ މެލޭސިޔާގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކައުތެރިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ހައިކޮމިޝަނުން ބުނީ މެލޭ ސިޔާ ސަރުކާރުގެ މެސެޖުތައް ދިވެހިންނަށް ފޯރުކޮށްދެމުން ގެންދާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސް އާއި ގުޅިގެން އެއްވެސް ދިވެއްސަކު ހައިކޮމިޝަނުގެ އެހީތެރިކަން ބޭނުންވާނަމަ އެކަމަށް އެދުމުން އެކަމަކަށް އެހީތެރިވާނެ ކަމަށެވެ.