ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19އާ ގުޅޭ ޚަބަރާއި މަޢުލޫމާތު ޢާއްމުކުރުމުގައި ޤައުމީ މަސްލަޙަތު އިސްކޮށް ތެދު މަޢުލޫމާތު ފެތުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ އައްބާސް އިބްރާހިމް އަށް، މޯލްޑިވްސް މީޑިއާ ކައުންސިލުން 2018 ވަނަ އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފްގެ ގަލަން އައްބާސް އިބްރާހީމާ ޙަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިޒަމާނަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއެކު ޚަބަރު ފެތުރުމައި ޚިޔާލު ފާޅުކުރުމުގެ މަގު ފަހިވެފައިވާ ޒަމާނެއްކަމަށެވެ. އެގޮތުން ބައެއް މީހުން ފަތުރާ މަޢުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ ދޮގު ތެދަށްވާ ޙާލަތުވެސް މެދުވެރިވަމުންދާކަމަށެވެ. އެހެންކަމުން ޢާއްމު ރައްޔިތުންނަށް ޞައްޙަ ތެދު މަޢުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށްބޮޑުކަމަށެވެ.
ޚާއްސަކޮށް، މިދަނޑިވަޅަކީ ކޮވިޑް19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއްކަމުން މިކަމުގެ އެންމެ ޞައްޙަ ދެތު މަޢުލޫމާތު ޢާއްމުންނަށް ފޯރުކޮށްދިނުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ކިބައިން އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީޑިއާތަކުން ފަތުރަމުން ގެންދަނީ ތެދު މަޢުލޫމާތުތޯ ބެއްލެވުމަށް މީޑީއާ ކައުންސިލުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުވުމުގައި އައްބާސް އިބްރާހީމް ވިދާޅުވީ މިޒަމާނުގެ ނޫސްވެރިކަން ވަރަށްތަފާތުކަމަށާއި، އެންމެބޮޑު ތަފާތަކީ ކުރިން ނޫސްތަކާއި ޓީވީ ރޭޑިއޯއިން ކިޔާ ޚަބަރަކީ އެންމެ ޞައްޙަ ދެތު މަޢުލޫމާތުކަމަށް ޢާއްމު ރައްޔިތުން ޤަބޫލުކުރާކަމަށް ވިދާޅުވިއެވެ.
އެހެންނަމަވެސް މިޒާމުގެ ނޫސްތަކުގައި ކޮންމެ އެއްޗަކީ ޞައްޙަ އެއްޗެއްކަމަށް ޤަބޫލުކުރަން ދަތި މިންވަރަށް ޞައްޙަނޫން މަޢުލާތު ހާމަކުރުން އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ނޫސްވެރިކަން ހަރުދަނާކޮށް ކުރިއަރުވަން މޯލްޑިވްސް މީޑިއާ ކައުންސިލުން ބޭނުންވާ ކޮންމެ އެއްބާރުލުމެއް ދެއްވާނެކަމަށް އައްބާސް އިބްރާހީމް ވިދާޅުވިއެވެ.