މާސްކު ބޭނުންކުރުމުގައިވެސް ރައްކާތެރިވާންޖެހޭ: ޑރ. މޫސާ މުރާދު

ކިޔުމަށް ހޭދަވާނީ 1މ 35ސ
މާސްކު ބޭނުންކުރުމުގައިވެސް ރައްކާތެރިވާންޖެހޭ: ޑރ. މޫސާ މުރާދު

މާސްކް ބޭނުންކުރަންޖެހޭ އުސޫލުތަކާއި ޚިލާފަށް މާސްކު ބޭނުންކުރުމަކީވެސް ރައްކާތެރި ކަމެއްނޫންކަމަށް އައިޖީއެމް ހޮސްޕިޓަލް އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ޑރ. މޫސާ މުރާދު ވިދާޅުވީ ކޮންމެހެން މާސްކް އަޅަންޖެހޭ މީހުންކަމަށް ޑޮކްޓަރުން އިރުޝާދު ދޭ، މީހުން ފިޔަވައި އެހެން މީހުން މާސްކު އެޅުން މުހިންމު ނޫންކަމަށެވެ.

ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިންމުކަމަކީ އަންގައާއި، ނޭފަތާއި ލޮލުގެ ޒަރިއްޔާއި އެ ވައިރަސް ހަށިގަނޑުގެ ތެރެއަށް ވަނުން ހުއްޓުވުމެކެވެ. މިކަމަށްޓަކައި އެންމެ ފަސޭހައި ބޭނުންކުރެވޭ އާލާތަކަށް ވެފައިވަނީ ސަރޖިކަލް މާސްކެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސް ފެނުމާއިއެކު މާސްކުގެ ޑިމާންޑް ބޮޑުވެ ބޭސް ފިހާރަތަކުން ވަނީ މާސްކު ލިބުން ދަތިވެފައެވެ. ނަމަވެސް މާސްކާއި ގުޅިގެން ސިއްޙީ އެހީތެރިންގެ ޚިޔާލު ކޮންމެވެސް ވަރަކަށް ތަފާތެވެ.

ކޮރޯނާ ވައިރަހުގެ އަސަރު ކުރަނީ ބަލިމީހާއާއި ކޮންޓެކްޓްވާ މީހުންނަށެވެ. އެގޮތުން ވައިރަސް އެހެން މީހުންނަށް އެރުމުގެ ފުރުސަތު ބޮޑީ ވައިރަސް ހުންނަ މީހާ ކެއްސާ ކިނބިހި އަޅާއިރު 6ފޫޓް ކައިރި ސަރަޙައްދެއްގައި ހުންނަ މީހަކަށެވެ.

ކޮންމެހެން މާސްކު އެޅުން މުހިންމު މީހުންނަނީ ކޮރޯނާ ވައިރަސް ހަށިގަނޑުގައި ހުންނަ މީހާ، އެމީހާއަށް އެހީރެވެދޭ މީހާ، އަދި އެމީހާއަށް ސިއްޙީ ފަރުވާދޭ މީހުންނެވެ.

މިފަރާތްތައް ފިޔަވާ އާއްމު ދިރިއުޅުމުގައި ދުޅަހެޔޮ ސިއްޙަތުގައި ހުންނަ މީހާ މާސްކު އެޅުން މުހިންމު ނޫންކަމަށް ޑަބްލިއު.އެޗް.އޯ.އިން ލަފާދެއެވެ.

ނަމަވެސް ކެއްސާ ކިނބިހި އަޅާނަމަ، ނުވަތަ ނޭވާލާ ނިޒާމުގެ ބަލި ހުންނަ މީހުންނާއި، ދިފާއީ ނިޒާމު ބަލިކަށި މީހުން، މީހުން ގިނައިން އެއްވެ އުޅޭ ތަންތަނަށް ދިއުމުގައި މާސްކު ބޭނުންކުރުމަކީ މުހިންމު ކަމެކެވެ.

މިއަދު އޮންލައިން