ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން އީރާނުގައި މަރުވި މީހުންގެ ޢަދަދު 291 އަށް އިތުރުވެފައިވާކަމަށް އެޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ. އެޤައުމުގައި 8،000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ވައިރަހުގެ އަސަރުކޮށްފައިވެއެވެ.
އީރާނުގެ ޞިއްޙަތާއިބެހޭ ވުޒާރާގެ ތަރުޖަމާނު ކިއަނުޝް ޖަހަންޕޫރު ވިދާޅުވީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވައިރަސް ޖެހިފައިވާ 888 މީހުން ފެނިފައިވާކަމަށެވެ. އަދި 54 މީހުން މަރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގައި ފާހަގަ ކުރާ އައު އަހަރާ ދިމާކޮށް އެޤައުމުގައި ވައިރަސް އިތުރަށް ފެތުރުމުގެ ބިރުވަނީ ބޮޑުވެފައެވެ. އައު އަހަރުގެ ޗުއްޓީއާ ދިމާކޮށް އެޤައުމުގެ ގިނަ ޢަދަދެއްގެ ރައްޔިތުން އެކި ސަރަޙައްދުތަކަށް ދަތުރުކުރެއެވެ. އައު އަހަރުގެ މުނާސަބަތުގައި ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ މިމަހުގެ 20 ވަނަ ދުވަހު ދެއްވަން ހަމަޖެހިފައިވާ ޚިޠާބުވެސް ނުދެއްވާގޮތަށް މިހާރުވަނީ ހަމަޖެހިފައެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން އީރާނުގެ އެކި ސަރަޙައްދުތައް ސާފުކޮށް ޑިސްއިންފެކްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެޤައުމުގެ ގިނަ މަދަރުސާތައްވަނީ ވައިރަހުގެ ބިރަށް ބަންދުކޮށްފައެވެ. ޖަލުތަކުގައި ވައިރަސް ފެތުރިދާނެކަމުގެ ބިރަށް 70،000 އަށްވުރެ ގިނަ ޤައިދީންވަނީ ވަގުތީ ގޮތުން މިނިވަން ކޮށްފައެވެ.