ރާއްޖޭގައި ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ ސްކޫލުތައް ނުހުޅުވައި ބަހެއްޓުމަށް ޓީޗަރުންގެ އެސޯސިއޭޝަނުން ވެސް ގޮވާލައިފިއެވެ.
މިކަމާގުޅިގެން ޓީޗަރުންގެ އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސިއްހީ ދާއިރާގެ މާހިރުން ލަފާދޭ ގޮތުގެ މަތިން ކޮވިޑް-19 ފެތުރިޔަ ނުދިނުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ސްކޫލުތައް ނުހުޅުވައި، ބަންދުކޮށްފައި ބަހައްޓަން ސަރުކާރުގައި އެދޭ ކަމަށާއި އެންމެ ފުރަތަމަ އިސްކަމެއް ދޭން ޖެހޭނީ ދަރިވަރުންނާއި ޓީޗަރުންނާއި ތައުލީމީ ދާއިރާގެ މަސައްކަތްތެރިންގެ ސިއްހަތަށް ކަމަށެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ސްކޫލުތައް ބަންދުކުރުމަށް ގޮވާލާފައިވާއިރު އިއްޔެ މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަނުން ވެސް ވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރިދާނެތީ އަޅާ ފިޔަވަޅެއްގެ ގޮތުގައި ސްކޫލުތައް ހިމެނޭ ގޮތަށް ތަންތަނަށް އެއްވެ އުޅުން ހުއްޓުވުމަށް ލަފާދީ ޓްވީޓުކޮށްފައެވެ.