ރާއްޖޭގެ ތައުލީމީ ދާއިރާގައި އެންމެ ފުންނާބު އުސްކަމަށް ބެލެވޭ ބޭފުޅަކު މިރޭ ވިދާޅުވެފައިވަނީ ސްކޫލްތައް ހުޅުވައި ކިޔަވައިދިން ނަމަވެސް ކުދިން ނުފޮނުވީމާ ނިމުނީ ކަމަށެވެ. ދުވަސްކޮޅަކު ކުދިން ސްކޫލަށް ނުފޮނުވުމަކީ މައްސަލައެއް ނޫން ކަމަށެވެ.
މިބަސްތަކަކީ ދުލުން ބުނެލަން ވަރަށް ފަސޭހަ ބަސްތަކެކެވެ. ނަމަވެސް ޢަމަލުކުރަން އެހައި ފަސޭހައެއް ނުވާނެ އެވެ. ވަރަށް އުނދަގޫވާނެއެވެ. ސަބަބަކީ ދަރިފުޅަށް އެންމެ ފިލާވަޅެއްވެސް ގެއްލުން މައިންބަފައިން ބޭނުން ނުވާނެތީއެވެ. ކްލާހުގެ އެއް ކުދިބައަކު ފިލާވަޅު ލިބިގަންނަމުންދާއިރު އަމިއްލަ ދަރިފުޅު ކްލާހަށް ނުފޮނުވައި ގޭގައި ބަހައްޓަން ފަސޭހަ ކަމަކަށް ނުވާނެތީއެވެ.
ހުރިހާ މައިންބަފައިންނަކީ ދަރިން ގޭގައި ބައިތިއްބައިގެން ކިޔަވައިދެވޭނެ ފެންވަރުގެ ބެލެނިވެރިންނެއް ނޫނެވެ. ޓިޔުޝަން ދިނުމުގެ އަގު އެހައި ބޮޑެވެ. ޓިޔުޝަން ދިން ނަމަވެސް ކްލާހުގެ ޓީޗަރު ނަގައިދޭ ފިލާވަޅުތައް ދަރިފުޅަށް ނުލިބުމަކީ އެއްވެސް ބެލެނިވެރިއަކަށް ކެތްކުރެވޭނެ ވަރުގެ ކަމަކަށް ނުވާނެއެވެ.
ހަމައެއާއިއެކު ޓީޗަރުންގެ މަސައްކަތް ބުރަކަމާއިއެކު ކުރިން ކުދިބައަކަށް ނަގައިދީފައިވާ ފިލާވަޅުތަކެއް އަލުން ކުދިބައަކަށް ނަގައިދޭން ޖެހުމުން އެކަން ވުމަށްވުރެ ގާތީ ނުކުރެވުމެވެ. މިހައިތަނަށް އެކަން ތަޖުރިބާ ކުރެވިފައިވަނީ މިފަދަ ގޮތަކަށެވެ.
ވީމާ މުޅި ޤައުމު އިންތިހާއަށް ކަންބޮޑުވުމެއްގައިވާ މިފަދަ ވަގުތެއްގައި ތަޖުރިބާކާރުން ދެއްވާ މެސެޖުތަކަކީ އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ވަރުގެ މެސެޖުތަކަށްވުން ވަރަށް މުހިންމު ކަމުގައި ޤަބޫލުކުރެވެއެވެ.