ކޮރޯނާވައިރަސް ނޫނީ ކޮވިޑް-19 ޖެހިފައިވާ އިޓަލީގެ ފަތުރުވެރިއަކު ރާއްޖެއިން ފުރައިގެން ދިޔުމުގައި، އިހުމާލުވެފައިވާ ކަމަށް ތުހުމަތުވާތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެން ޝަމީމް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވައިފި އެވެ.
ކުރެއްދޫ ރިސޯޓުގައި މަޑުކުރި އެފަތުރުވެރިޔާ ކޮރޯނާއަށް ޕޮޒިޓިވް ކަމަށް ޝައްކުވެ އެކަމުގެ އަލާމާތްތަކެއް ފެންނަމުން ދަނިކޮށް އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފަ އެވެ. އެފަތުރުވެރިޔާ އެނބުރި ގައުމަށް ދިޔަފަހުން ކޮރޯނާއަށް ޕޮޒިޓިވް ވެއްޖެކަން އޭނާ ވަނީ ރިސޯޓަށް އަންގައިފަ އެވެ.
އެ ފަތުރުވެރިޔާ ބަލިވުމާ ގުޅިގެން ކުރެއްދޫ ރިސޯޓުން އޭނާ ބެލި ޑޮކްޓަރާއި އެ ޑޮކްޓަރާ ކޮންޓެކްޓުވި އިތުރު މީހަކު ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ.
އެއާ އެކު ކުރެއްދޫ ރިސޯޓަށް މީހުން އަރައިފޭބުން މަނާކޮށް ކޮންޓެކްޓް ޓްރޭސިން ހަދަމުން އަންނަ އިރު، 175 މީހަކު މިހާތަނަށް އެ ޓޫރިސްޓާ ކޮންޓެކްޓްވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށް ހެލްތް މިނިސްޓަރު އަމީން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.