ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ގެ ސަބަބުން ބަންގްލަދޭޝުން ވެސް މީހުން ރާއްޖެ އެތެރެވުން ވަގުތީގޮތުން މަނާ ކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ނެރުނު ސާކިޔުލާއެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ނަން ދީފައިވާ ވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ފާއިތުވި 14 ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ދަތުރު ކޮށްފައިވާ މީހަކު ރާއްޖެއަށް އެތެރެވުމާއި ޓްރާންސިޓްވުން ވެސް މާދަމާ އިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހާ ހަމައަށް މަނާ ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ބޭރުގެ ހުރިހާ ފަސަންޖަރުންނާއި އެއާލައިން ކްރޫ ހިމެނޭ ކަމަށާއި، ނަމަވެސް ދިވެހިން އެކަމުން އިސްތިސްނާ ވާނެ ކަމަށް ވެސް އެސާކިއުލާގައި ބުނެފައިވެއެވެ.
ކޮރޯނާ ވައިރަސް ޖެހިފައިތިބި ތިން މީހަކު ބަންގްލަދޭޝުން އިއްޔެ ފެނިފައިވެއެވެ. އޭގެ ތެރެއިން ދެ މީހަކަށް މިބަލި ޖެހިފައިވަނީ އިޓަލީގައި ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ދިޔަ ފަހުން ކަމަށް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ބުނެފަ އެވެ.