ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް، ނުވަތަ ކޮވިޑް 19 އާއި ގުޅިގެން، ށ. ފޯކައިދޫގައި ނުވަ މީހަކު ސެލްފް އައިސޮލޭޝަންގައި ތިބި ކަމަށާއި އޭގެ ތެރެއިން އެކަކު ކުރުމަށް ފަރުކޮޅުފުށްޓަށް މިއަދު ގެންދާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
އެނގިފައިވާ މިއީ ފޯކައިދޫއިން ކަރަންޓީނަށް ގެންދާ ދެވަނަ މީހާއެވެ. މީގެކުރިން އެރަށުން ކަރަންޓީނު ކޮށްފައިވަނީ، އެރަށަށް ޗުއްޓީއަށް ގޮސް ހުރި ކުރެއްދޫ ރިސޯޓުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެނިގެންނެވެ. އެމީހާގެ ޓެސްޓުތައް ހަދާފައިވާއިރު އަދި އޭނާގެ ނަތީޖާތައް ނުލިބެއެވެ. ފޯކައިދޫއަށް އެމީހާ ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފައެވެ.
ފޯކައިދޫއިން ދެމީހަކު ކަރަންޓީނުކުރަން ގެންގޮސްފައިވީ ނަމަވެސް، އެރަށުގެ މީހުން އަދި ކަންބޮޑުވާންޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރޭ ވަނީ ވިދާޅުވެފައެވެ.
ކުރެއްދޫ ރިސޯޓްގެ ބިދޭސީ ދެ މުވައްޒަފު މިހާރު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އެ މީހުން ވެސް ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ. ކުރެއްދޫ ރިސޯޓް މިހާރު އޮތީ މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. އެ ރަށުގައި މި ވަހުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.