ކޮރޯނާއަށް ޕޮޒިޓިވްވި މީހުނާ ކޮންޓެކްޓްވި 173 މީހުންގެ ތެރެއިން 93 މީހަކު ތިބީ ރިސޯޓްގެ ކޮޓަރިތަކުގައި އެކަހެރިކޮށްފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެއެވެ.
ކޮރޯނާ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވް ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފުންނާ ކޮންޓެކްޓްވި 173 މީހުންގެ ތެރެއިން 93 މީހަކު ތިބީ ރިސޯޓްގެ ކޮޓަރިތަކުގައި އެކަހެރިކޮށްފައި ކަަމަށެވެ. އެހެންނަމަވެސް އަނެއް 80 މީހުން ތިބި ތަންތަނުގެ ތަފްސީލެއް އަމީން ނުދެއްވައެވެ.
އަމީން ވިދާޅުވީ ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ރަށް ރަށަށް ދިޔަ މީހުންގެ ގައިން ބަލީގެ އަލާމާތެއް ފެނޭތޯ ފާރަވެރިވެ ބަލަމުން އަންނަ ކަމަށެވެ.
އަދި މީގެއިތުރުން ރިސޯޓްގައި ތިބި މީހުންގެ ކަންތައްތައް ބަަލަހައްޓާނެ ގޮތުގެ އިރުޝާދު ރިސޯޓަށް ދީފައިވާ ކަަމަށާއި އެހެން ރަށް ރަށަށް ދިޔަ މީހުންނާ މެދު ފަރުވާތެރިވާން ޖެހޭ ކަންތައްތައް އެ ރަށްތަކަށް އަންގާފައިވާ ކަމަށް އަމީން ވިދާޅުވިއެވެ.
ކުރެއްދޫގަ ވަޒީފާއަދާކުރާ ފޯކައިދޫ މީހަކު ކޮރޯނާވައިރަސްއަށް ޓެސްޓްކުރަން ފަރުކޮޅުފުށްޓަށް ވަނީ ގެންގޮސްފައެވެ.