ކޮރޯނާވައިރަސް ރާއްޖެއިން ފެނިފައިވުމާއިއެކު ވައިރަސްގެ އަލާމާތްތައް ހުންނަ މީހުން އާންމުން އެއްވެ އުޅޭ ތަންތަނަށާއި މިސްކިތުގެ ޖަމާއަތުގައި ބައިވެރިވާން މިސްކިތްތަކަށް ނުދިއުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.
އެމިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުމަށްޓަކައި ހުން އައިސްފައި ތިބި މީހުނާއި ރޯގާ ޖެހިފައި ތިބި މީހުނާއި ކެއްސާ ކިބިހި އަޅާ މީހުނާއި ކަރަންޓީން ކޮށްފައިވާ ރަށަކަށް އަރާފައި ތިބި މީހުން އާންމުން އެއްވެ އުޅޭ ތަންތަނަށާއި މިސްކިތުގެ ޖަމާއަތުގައި ބައިވެރިވާން ނުދިއުމަށް އެދޭ ކަމަށާއި އިސްލާމް ދީނުގައި މިފަދަ ބަލިމަޑުކަމުގެ ހާލުގައި ކަންކަން ކުރުމަށް ބާރު އަޅާފައި ވަނީ ވެސް އެ ގޮތަތަށް ޢަމަލުކުރަން ކަމަށެވެ.
ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދިންނާއި މުސްކުިން ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ބައިވެރިވާން ނުދިއުމަށް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
"ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ބައްޔެއް އުޅޭއިރު، އެ ވައިރަހުގެ އަލާމާތްތައް ފެންނަ މީހުން މިސްކިތްތކަށް ނުދިއުމަކީ ދީނުގެ ރިވެތި އުސޫލުތަކުގެ ތެރޭގައިވާ ކަމެއް. މިފަދަ ދަނޑިވަޅުތަކުގައި ސަބަބުތަކުގައި ހިފައި މި ބަލިން މީހުން ރައްކާތެރިވުމަށް ގިނަގިނައިން ދުއާކޮށް ފަރުދީ ޒިންމާ އަދާ ކުރުމަށް" ވެސް އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ.
Noosbayaan: Covid-19, Novel Corona Virus ai fethuremun dhiuma gulhey#MVIaffairs pic.twitter.com/GE6xawVtIl
— Ministry of Islamic Affairs (@MVIaffairs) March 8, 2020