ކޮރޯނާވައިރަސް އާ ގުޅިގެން ނިކަމެތި މުވައްޒިފުންގެ މުސާރަ ކުޑަނުކުރާށެވެ! ތިމާގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޮރޯނާވައިރަސް އާ ގުޅިގެން ނިކަމެތި މުވައްޒިފުންގެ މުސާރަ ކުޑަނުކުރާށެވެ! ތިމާގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރާށެވެ!

ކޮރޯނާ ވައިރަސް އާއި ގުޅިގެން ދުނިޔޭގެ އިޤްޠިޞާދަށް ބޮޑެތި ލޮޅުންތައް އަންނާނެ ކަމަށާއި ތިމާއަށްވެސް އެކަމުގެ އަސަރުކުރާނެ ކަމަށް ބަލައި ދަހިވެތިކަން އިތުރުނުކުރާށެވެ! އެއިގެ ބަދަލުގައި ދީލަތިކަން އިތުރުކުރާށެވެ! 

އަތުގައި މިހާރުވެސް ހުންނާނީ ﷲ ދެއްވެވި އެއްޗެކެވެ. އެއްވެސް މީހެއްގެ މޮޅުކަމުން ލިބުނު ތަނަވަސްކަމެއް ނޫނެވެ. ޙާލުގައިވާ ބައަކަށް ނުވަތަ މީހަކަށް އެހީތެރިވުމުން ތަނަވަސްކަން އިތުރުކޮށް ދެއްވަވާނީ ވެސް ހަމަ ކުރިންވެސް ނިޢްމަތްތައް މިންވަރުކޮށްދެއްވެވި ﷲ އެވެ. އަދި ޞަދަޤާތް ނުކުރުމުން އެކަމަށް ޖަޒާ ދެއްވަވާނީވެސް ހަމަ ﷲ އެވެ. 

އެކައުންޓުގައި ކިތަންމެ ގިނަ ފައިސާ ރައްކާކޮށްގެން ހުރިނަމަވެސް ދުނިޔެ ދޫކުރަން ޖެހޭނީ އެކަމުން އެއްވެސް ސަވާބެއް ނުލިބިކަމަށް ވެއްޖެ ނަމަ އެތަނަވަސްކަމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ 

"މިދުވަސްކޮޅު ވަރަށް ސަކަރާތް! ވިޔަފާރިވެސް ވަރަށް ދަށް!" ކަމަށް ބުނެ ޞަދަޤާތް ކުރަން މިހާރުވެސް ބައެއް މުއްސަނދިން ފަސްޖެހޭ ވާހަކަ އެބަ އަޑުއިވެއެވެ. ވިސްނައިލަންވީ ކަމަކީ ކޮރޯނާވައިރަސްގެ ވަބާއިން ދުނިޔެ ސަލާމަތްވެ އިޤްޠިޞާދު ކިތަންމެ ރަނގަޅުވި ނަމަވެސް ތިމާގެ ވިޔަފާރި ހީނަރުވެދާނެ ކަމެވެ. އެކަމަށް ﷲ މިންވަރު ކުރައްވަވައިފިނަމަ ނުހުއްޓުވޭނެ ކަމެވެ. 

އެދުވަހު ބޭނުންވާ ވަރަށް ކާނާ އަތުގައި ހުރިނަމަ އެއީ ހަމަ މުއްސަންޖެކެވެ. ދުވަސް ނިމިގެންދާއިރު ﷲ އިތުރުކޮށް ދެއްވަވާނެ މިންވަރު ހަމަ އެކަކަށްވެސް ނޭނގޭނެއެވެ! 

އަތްމަތި ދަތިވެދާނެކަމުގެ ބިރަށް ފުރަތަމަވެސް އުނިކުރަންވީ ގެންގުޅޭ ނިކަމެތި މުވައްޒިފުންގެ މުސާރައެއް ނޫނެވެ. ކުރަންވީ ކަމަކީ ތިމާގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމެވެ. ދެން އެހެން ގޮތެއް ނެތުމުން ނޫނީ ގެންގުޅޭ ނިކަމެތި މުވައްޒިފުންނަށް ދޭ މުސާރަކޮޅު ކުޑަ ނުކުރާށެވެ! އެކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވެދާނެ ދަތިތަކާއިމެދު ވިސްނައިލާށެވެ! މުވައްޒިފުންނަށް ހެޔޮކޮށް ހިތުމުން ﷲ ދެއްވަވާ މިންވަރު ބޮޑުތަނުން އިތުރުކޮށް ދެއްވަވާނެތެވެ! އިން ޝާ ﷲ

މިއަދު އޮންލައިން