ކޮރޯނާ ވައިރަސްގެ ކަންކަން މިވަގުތު އޮތް ގޮތުން ރިޒޯޓުތަކުގައި ތިބި ފަތުރުވެރިން މިދުވަސްވަރު މީހުން އުޅޭ ރަށްތަކަށް އެކްސްކާސަން ގެންދިއުން ރަނގަޅު ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޢަލީ ވަޙީދު މިއަދު ވިދާޅުވީ އަދި މިއީ ސަރުކާރުން ކުރާ އަމުރެއް ނޫން ކަމަށާއި މިކަން ކުރަންވީ ފަރުދީ ޒިންމާގެދަށުން ކަމަށެވެ. އަދި އެފަދަ ފިޔަވަޅެއް އަޅަން ޖެހޭ ޙާލަތަށް ހިނގައްޖެ ނަމަ އެ ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.
ޢަލީ ވަޙީދު މިމޭރުމުން ވިދާޅުވެފައިވާއިރު ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިހާރު ވަނީ ގެސްޓައް ހަދައިފައެވެ. ބައެއް ރަށްރަށުގައި ގިނަ ފަތުރުވެރިން ދަނީ ޗުއްޓީ ހޭދަކުރަމުންނެވެ.
ޢަލީ ވަޙީދު ވިދާޅުވީ ބޫޓާން ފަދައިން ރާއްޖެ، ފަތުރުވެރިންނަށް އެކުގައި ބަންދު ނުކުރާނެ ކަމަށާއި އެކުގައި ބަންދުކޮށްފިނަމަ ރާއްޖޭގެ އިޤްޠިޞާދު ހުއްޓި ރާއްޖެއަށް ވަރަށް ނިކަމެތި ގޮތްތަކެއް މެދުވެރިވެދާނެ ކަމަށެވެ.