ކޮރޯނާ ވައިރަސް އާއިބެހޭ ގޮތުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ދެއްކެވި ވާހަކަފުޅުތަކަކީ ބަލައިގަންނަން ވަރަށް އުނދަގޫ ވާހަކަތަކަކެކެވެ. ރާއްޖޭގެ ވަށައިގެން ހުރި ޤައުމުތަކަށް ކޮރޯނާ ވައިރަސް އައިސްފައިވާއިރު ނުވަތަ އެ ޤައުމުތަކުން ކޮރޯނާ ވައިރަސް ފެނުނު ނަމަވެސް ރާއްޖެއިން އަދި ނުފެނުމަކީ ސަރުކާރުގެ މޮޅުކަމުން މެދުވެރިވި ކަމެއް ކަމަށް ތަކުރާރުކޮށް ވިދާޅުވީތީއެވެ.
ސަރުކާރަށް ކުރެވޭނީ މަސައްކަތެވެ. އެޅޭނީ ސަލާމަތީ ފިޔަވަޅުތަކެވެ. ފުރަތަމަ ކަމަކީ ފިޔަވަޅު އެޅުމުގެ ވިސްނުމާއި ޤާބިލުކަން ދެއްވަވަނީ ﷲ ކަމެވެ. ކުރާ މަސައްކަތް ހިންމަވައި ދެއްވަވަނީ ﷲ ކަމެވެ. ޢަލީ ވަޙީދުގެ ވާހަކަފުޅުގައި މިކަން ފާހަގަކުރެއްވި އަޑު އިވެންވީ ވަރަކަށް ނުއިވެއެވެ. ނުވަތަ ބަޔާނެއް ނުކުރައްވަވައެވެ.
"ރާއްޖެއިން މިގެންދަނީ ބަލި ފެތުރެން ފެށީންސުރެ ރޭގަނޑުގެ ނަމާދުތަކުގައި ޤުނޫތު ކިޔައި ދުޢާކުރަމުން. ﷲ އިރާދަ ކުރެއްވެވިއްޔާ ކޮރޯނާ ވައިރަސް ރާއްޖެއަކުން ނުފެންނާނެ! ނަމަވެސް މުޅި ދުނިޔެއަށް ފެތުރެމުންދާ ކަމެއް ރާއްޖެއިން ވެސް ނުފެނިދާނެ ކަމަށް ބަލައި ތިބެގެން ނުވާނެ. ތިބެން ޖެހޭނީ އެކަމަށް ސަމާލުކަން ދީގެން. ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން. ސަރުކާރުން މިގެންދަނީ އެކަމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުން." މިފަދަ ޢިބާރާތްތަކުން ވިދާޅުވިނަމަ ކިހައި ފުރިހަމަވާނެތޯއެވެ؟
"ކޮރޯނާ ވައިރަސް ރާއްޖެ އަންނާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި އޮތުމަކީ އެކަން އެގޮތަށް ޤަބޫލުކޮށް ޔަޤީންކުރަން ޖެހެންވީ ސަބަބެއް ނޫނެވެ. ވާނެ ކަންކަމާއި ނުވާނެ ކަންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ކޮރޯނާ ވައިރަސްވެސް އެހެން ބައްޔެއްވެސް ރާއްއަށް އަތުވެދާނެ ކަމަށް ބެލުމާއި އަންނާނެ ކަމަށް ބުނުމަކީ މުޅިން ތަފާތު ދެކަމެކެވެ. ޢަލީ ވަޙީދުގެ ވާހަކަތައްވެސް ރޭ ހުރީ ހުރެގެންވާނެ ގޮތަކަށް ނޫނެވެ.
އަވަށްޓެރި ސްރީލަންކާއިން ވެސް ކޮރޯނާވެސް ފެނުނެވެ. ނަމަވެސް އެމީހާ އެކަމުން ސަލާމަތްވިއެވެ. އިތުރަކަށް ނުފެތުރެއެވެ. ބޭސްވެރިކަމުގެ ގޮތުން މާކުރިއަރާފައިވާ އިންޑިއާގައި މިދިއަ ހަފްތާގައި އެކަނިވެސް އިތުރަށް 24 މީހަކަށް ކޮރޯނާ ވައިރަސް ޖެހުނެވެ. ވީމާ ފިޔަވަޅު އެޅުމާއި ބަލި ފެތުރިގެން ދިއުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އެކަން މެދުވެރިވަނީ އަޅާ ފިޔަވަޅުގެ މޮޅުކަމަކުން ނޫނެވެ. އަޅާ ފިޔަވަޅުތައް ހަރުދަނާ ކުރަން މަސައްކަތްކުރަން ޖެހޭ ކަމެކެވެ.
"އަހަރެން ކޮންމެ ވާހަކައެއް ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް ހިތުގައި ﷲ ތަޢާލާ އޮންނަ" ކަމަށް ބުނުމަކުން ނުފުދޭނެއެވެ. ދައްކާ ވާހަކައިގެ ބަސްމަގު ވެސް އެގޮތަށް ބަހައްޓަން ޖެހެއެވެ. ނަމަވެސް އެގޮތަށް އެކަން ކުރެވޭނީ ﷲ ތަޢާލާގެ ކުލަދުންވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރެވޭ މީހުންނަށެވެ. ކޮންމެ ކަމަކުން ވެސް ސަލާމަތްވެވޭނީ ﷲ ތަޢާލާ ސަލާމަތްކޮށް ދެއްވެވުމުންކަން ޤަބޫލުކުރެވޭ މީހުންނަށެވެ.