ވ. ތިނަދޫއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19 ގެ އަލާމާތްތައް ފެނިގެން، ކަރަންޓީން ކުރުމަށް ގެންދިޔަ އިޓަލީގެ ފަތުރުވެރިޔާ އެ ބައްޔަށް ނެގެޓިވް ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ ޓެސްޓްގެ ނަތީޖާ ދެއްކީ ނެގަޓިވް ކަމަށެވެ. ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ ކަމަށެވެ. އަދި މިކަމާގުޅިގެން ވ. ތިނަދޫ ގެ "ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތް ކަމަށެވެ.
"މިއަދުނޫހަށް" އެނގިފައިވާ ގޮތުގައި ތިނަދޫއިން ކަރަންޓީނު ކުރަން ގެންގޮސްފައިވަނީ އުމުރުން ދެ އަހަރުގެ ކުޑަކުއްޖެކެވެ. އެއީ ކުޑަކުއްޖަކަށްވުމުން އެކުއްޖާއާއެކު އޭނާގެ މައިންބަފައިންވެސް އައިސޮލޭޝަން ފެސިލިޓީއަށް ގެންދިޔަކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ތިނަދޫއިން ގެންދިޔަ ފަރާތް ނެގަޓިވް ކަމަށް އެޗްޕީއޭއިން ބުނެފައިވާއިރު، ކުރެއްދޫ އައިލެންޑު ރިސޯޓުންވެސް އިއްޔެ ވަނީ އެރިސޯޓުގެ ޑޮކްޓަރު ކަރަންޓީނު ކުރަން ގެންގޮސްފައެވެ. އޭނާ ކަރަންޓީން ކުރުމާއި އެކު އެރަށްވެސް ވަނީ ވަގުތީ ގޮތުން ލޮކްޑައުން ކޮށްފައެވެ.
#ކޮވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު ފަރާތުގެ #ކޯވިޑް19 ގެ ޓެސްޓްވަނީ ނެގަޓިވްވެފައި.
— HPA Maldives (@HPA_MV) March 7, 2020
ނަމަވެސް، ބައްޔަށް ޝައްކުރެވޭ އަލާމާތްތައް އަދިވެސް ހުރުމާއެކު 24 ގަޑިއިރު ފަހުން އިތުރަށް ޓެސްޓް ކުރެވޭނެެ.