ނުރައްކާތެރި ބަލިތައް ފެތުރޭނަމަ އެ ރަށެއް ކަރަންޓީނުކުިރަން އޮންނަ ޙަދީޘްފުޅަށް ރައީސް ނަޝީދު އިންކާރުކުރެއްވުމުން ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ރައްދު ދެއްވައިފިއެވެ.
ޝައިޚް އިލްޔާސް ވިދާޅުވީ "ރަށެއްގައި ގައިން ގައަށް އަރާ ބައްޔެއް ފެތުރޭނަމަ އެރަށަކަށް ނޭރުމަށް، އަދި އެތަނެއްގައި ތިބި ބައަކު އެތަނަކުން ބޭރުނުވުމަށް އެންގެވީ ލޮބިވެތި ނަބިއްޔާ (ޞޢވ)އެވެ. ލޮބުވެތި ނަބިއްޔާ (ޞޢވ)ގެ ބަސްފުޅާއި ދެކޮޅަށް އެއްވެސް ޖަމާއަތެއްގެ ބަސް ޤަބޫލުކުރުމަކީ ޙަޤީޤީ މުސްލިމުންގެ ސިފައެއް ނޫން" ކަމަށެވެ.
ޝައިޚް އިލްޔާސް މިފަދަ ބަސްފުޅެއް ވިދާޅުވީ "ރަށެއްގައި ބައްޔެއް އުޅުނަސް އެރަށެއް ކަރަންޓީނުކުރަން ނުޖެހޭ" ކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކުރުމުންނެވެ.
" އެމަނިކުފާނު ވިދާޅުވީ ދަތުރުފަތުރު ހުއްޓާލައިގެން ނުވާނެ ކަމަށާއި ރަށަކުން ބައްޔެއް ފެނުނަސް އެ ރަށް ކަރަންޓީނު ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ވިސްނުންތެރި ކަމެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ." ސަން އޮންލައިން
އިރާޤްގައި ޠާޢޫން ބަލި އުޅޭ ކަމުގެ ޚަބަރު ލިބިވަޑައިގަތުމުން މި ޙަދީޘްފުޅަށް ޢަމަލުކުރެއްވެވުމުގެ ގޮތުން ޢުމަރުގެފާނު ވަނީ އެރަށަށް އަރާވަޑައިގެން އެނބުރި މަދީނާއަށް ވަޑައިގެންފައެވެ. އަދި މި ޙަދީޘްފުޅަށް ޢަމަލުކުރެއްވެވުމުގެ ގޮތުން އެއިރު އިރާޤްގައި ތިއްބެވި ޞަޙާބީން އިރާޤުން ނުކުމެވަދައި ނުގެން ވަނީ ބަލީގައި ޝަހީދުވެވަޑައިގެންފައެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މި ޙަދީޘްފުޅަށް ޢަމަލުކުރުމަށް ނިޔަތްގަނެގެން އެ ތަނެއްގައި ހުއްޓައި އެމީހަކަށް ބަލިޖެހި މަރުވެއްޖެ ނަމަ ވާނީ ޝަހީދަކަށެވެ.
ކަރަންޓީނުކުރުމާއިބެހޭ ޙަދީޘްފުޅަކީ ޢާންމުކޮށް ހުކުރު ޚުޠުބާތަކުގައިވެސް ކިޔާ ޙަދީޘްދުޅެކެވެ. ހުކުރަށް ޢާންމުކޮށް ގޮސް އުޅޭ މީހުން މި ޙަދީޘްފުޅު ހިތުދަސްވާނެއެވެ!
މީގެ އިތުރުން ހުން އަތުވެދާނެކަމަށް ރަޖާލަން ނުޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ވެސް ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
ކޮރޯނާވައިރަސް އާއި ގުޅުވައިގެން ރައީސް ނަޝީދު މިފަދަ ބަސްފުޅުތަކެއް ވިދާޅުވެފައިވާއިރު މިހާރުވެސް ރާއްޖެ ވަނީ ރަޖާލައިފައެވެ. އެޗްޕީއޭއިން ވަނީ ގިނައިން މީހުން އެއްވާ އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފައެވެ. ބައެއް ޤައުމުތަކުން ރާއްޖެއައުންވެސް ވަނީ ހުއްޓުވައިފައެވެ.
ވެކްސިން ދިނުމަކީވެސް ހަމަ އެފަދަ ކަމެކެވެ. އެއީ ބަލި ޖެހިދާނެކަމަށް އަޅާ ފިޔަވަޅެކެވެ. ވެކްސިން ނުދޭ މައިންބަފައިން ކުށްވެރިކުރަން ޤާނޫނު ފާސްކުރީވެސް ހަމަ ރައީސް ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ.