! މިއަދުނޫހުގައި ރޭ ޝާއިޢުކުރި ތިރީގައި މިވާ ފޮޓޯ ޕޯސްތާއި ގުޅިގެން މިއަދުނޫހުގެ ވަރަށް ގާތް އުޚުތަކު ސުވާލުކުރެއްވިއެވެ. "ހިނިތުންވުން ގަނޑުފެން ވިރުވައިލަނީ ކިހިނަކުން ހެއްޔެވެ؟ އެއީ ކޮންގޮތަކަށް މެދުވެރިވާނެ ކަމެއް ހެއްޔެވެ؟
"ހިނިތުންވުމުގެ ހުރި ބާރުގަދަކަން އެނގޭނަމަ ހިނިތުންވުން ގިނަ ކުރާނެއެވެ. އެހެނީ ހިނިތުންވުން ގަނޑުފެން ވިރުވައިލައެވެ. ހިތުގެ ފާރުތައް ހިއްކައިދެއެވެ. އަދި ރުޅި އައިސްގެން ކުރިމަތިލާ މީހާ ބަލިވެސް ކޮށްލައެވެ! ދީނުގައި ހިނިތުންވުމަކީ ޞަދަޤާތެކެވެ!"
އުޚުތާއަށް ޖަވާބު ދިނުމަށްފަހު ނޫހުގައިވެސް ޝާއިޢުކޮށްލަން ނިންމީ ގިނަ ބައަކު ޖަވާބަށް އެދޭނެ ކަމަށް ބަލައިގެންނެވެ. އެ ސުވާލު އުފެދޭނެ އިތުރު ބައަކުވެސް އުޅޭނެތީއެވެ.
"ހިނިތުންވުން ގަނޑުފެން ވިރުވައިލައެވެ." އެބަހުގެ މާނައަކީ މިސާލަކަށް އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ އެނޫން މީހަކުނަވެސް ތިބާ ދެކެ ވަރަށް ގަދައަށް ރުޅި އައިސްފައި ހުރެދާނެއެވެ. އެހާލަތުގައި އެމީހަކާއި ބައްދަލުކުރާއިރުވެސް ތިބާ ނިކަން ހިނިތުންވެގެން ހުރެބަލާށެވެ!
އެމީހުން ތިބާއަށްޓަކައި ހިތްހަރުކޮށް ހިލަކޮށްގެން ތިބި ނަމަވެސް ތިބާ އެމީހުންނާއި ބައްދަލުކުރަމުން ގެންދަނީ ހިނިތުންވުމާއިއެކުގައި ކަމަށްވާނަމަ އެއިގެ ތެރެއިން 95 އިންސައްތަ މީހުންގެ ހިތް ތިބާއަށްޓަކައި މަޑުމޮޅި އޯގާތެރި ހިތަކަށް ބަދަލުވެގެންދާކަން ދިރާސާތަކުން އެނގެއެވެ.
ދެން އޮތީ ހިނިތުންވުން ހިތުގެ ފާރުތައް ހިއްކައިދޭ ވާހަކައެވެ.
މިސާލެއްގެ ގޮތުން ބަލި މީހަކާއި ބައްދަލުކުރި ނަމަވެސް އަދި ހިތްދަތިކަމެއްގައި އުޅޭ މީހަކާއި ބައްދަލުކުރި ނަމަވެސް ހިނިތުންވުމާއިއެކު ބައްދަލުކުރުމުން އޭނާއަށް ލިބޭ ވޭންތައް ކުޑަވެގެންދާނެއެވެ. އުފާވެރިކަން އިޙްޞާޞް ކުރެވޭނެއެވެ. އަދި ކީއްހެއްޔެވެ؟ ތިބާގެ ހިނިތުންވުމުގެ ސަބަބުން އޭނާގެ ހިތުގެ ޒަޚަމްތަކުގައި ދާނީ ބޭސްއެޅި ފަރުވާ ވެސް ލިބުމުންނެވ!
"ރުޅި އައިސްގެން ކުރިމަތިލާ މީހާ ބަލިވެސް ކޮށްލައެވެ!"
މިބަހުގެ މާނައަކީ މީހަކު ރުޅިއައިސްގެން ހުރެ ތިބާ އާއި ކުރިމަތިލި ނަމަވެސް ތިބާ ހިނިތުންވެ ހުރެ ރައްދު ދިނުމުން ރުޅި އައިސްގެން ހުރި މީހާގެ ރުޅި މައިތިރިވާކަމެވެ. ދިރާސާތަކުން ފެންނަ ގޮތުން ރުޅިގަދަވެގެން އަންނަ ޙާލަތުގައި ހިނިތުންވުމާއިއެކު ކުރިމަތިލުމުނ 93 އިންސައްތަ މައްސަލަތައް ޙާޞިލުވެއެވެ.
އެންމެ އުފާވެރި ޚަބަރަކީ 87 އިންސައްތަ ފަހަރު ރުޅިއައިސްގެން ކުރިމަތިލާ މީހުންނާއި ހިނިތުންވެގެން ބައްދަލުކުރުމުން ރުޅި އައިސްގެން ކުރިމަތިލި މީހާގެ ރުޅި މައިތިރިވުމުގެ އިތުރުން ހިތުގައި ހަމްދަރުދީ ވެސް އުފެދޭ ކަމެވެ.