ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން ބަލައި ނުގަނެ މިއަދު ބޭރުކޮށްލާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުންތައް ކުށްވެރިކޮށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވާތީ، އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި ކުއްލި މައްސަލަ ކަމަށް އެމައްސަލައިގެ ކޮޕީ ލިބިފައިވާ ސަން އޮން ލައިން އިން ބުނެފިއެވެ.
އެނޫހުން ބުނެފައިވަނީ ނޮޅިވަރަން ދާއިރާގެ މެންބަރު ނަޝީދު ހުށަހުޅުއްވި އެ މައްސަލައިގައި މައްސަލަ ހުށަހެޅުއްވި މެންބަރު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއިން މިޔަންމާގައި އަނިޔާލިބެމުންދާ ރޮހިންގާ މުސްލިމުންގެ ދިފާއުގައި އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްގައި ހިނގަމުންދާ މައްސަލައަށް ތަދައްޚުލުވާން ނިންމާފައިވާއިރު، އެއަށްވުރެ މާ ކައިރީގައި އަނިޔާ ލިބެމުންދާ އިންޑިއާގެ މުސްލިމް އަޚުންނާއި އުޚުތުން އެހީއަށް އެދި ގޮވަމުން ދާއަޑަށް ސަރުކާރުން ބީރު ކަންފަތެއް ދީފައިވާ ކަމަށް ބަޔާންކުރައްވާފައިވާ ކަމަށެވެ.
"މިއީ އަޅުގަނޑުމެން މުސްލިމުންގެ ގޮތުގައި ތިބެ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ދިވެހި ސަރުކާރުން، އަދި މި އިއްޒަތްތެރި މަޖިލީހުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން ޖެހޭނެ ކަމެއް" ކަމަށް މެންބަރު ނަޝީދުގެ ޤަރާރުގައި ބަޔާންކުރައްވާފައިވާ ކަމަށްވެސް ބުނެފައިވއެވެ.
ރޮހިންޔާ މުސްލިމުންގެ މައްސަލައިގައި ޒިންމާ އުފުލަން ޖެހޭ ދަގަނޑު ސޫކީ ގޭބަންދުން މިނިވަންކުރަންވެސް އެމްޑީޕީގެ ސަރުކާރުން ވަނީ މަސައްކަތްކޮށްފައެވެ. އަދި އެ މައްސަލައިގައި ބޮޑު އުޖޫރައެއް ދީގެން ވަކާލާތުކުރަން ރާއްޖެއިން ހަމަޖައްސާފައިވަނީ ރައީސް މުޙައްމަދު ނަޝީދުގެ ޤާނޫނީ ޓީމުގައި ހިމެނޭ އަމަލް ކްލޫނީއެވެ.