ރަސޫލް (ޞޢވ) ހަދީޘްފުޅު ކުރެއްވެވިއެވެ.
"ތިއައިން ކަނބަލަކު ޢިޝާ ނަމާދަށް ދާހިނދު އެރޭ ހުވަނދު ބޭނުން ނުކުރާށެވެ!" (ޞަޙީޙް މުސްލިމް: 673)
"ނަމާދަށް ދާން ހުނވަނދުލުން" މިތަނުގައި "ޢިޝާ ނަމާދަށް ދާހިނދު"، މިބަސްފުޅުގެ މުރާދަކީ (މިސްކިތަށް) ޢިޝާ ނަމާދަށް ދާން ޤަޞްދުކޮށްފިނަމަ އެއިރުން ފެށިގެން ހުވަނދު ބޭނުން ނުކުރުމަށެވެ. އެހެންކަމުން ނަމާދުން އެނބުރި ގެއަށް އައިސް ހުވަނދުލުމަކީ މައްސަލައެއް އޮތްކަމެއް ނޫނެވެ!
* ހުވަނދުލުން މަނާކުރެއްވުން؛
ދެން މިތަނުގައި މިއޮތް ޢިޝާގެ މުރާދަކީ ހަމައެކަނި ޢިޝާ ނަމާދެއް ނޫނެވެ! ޢާންމު ހުރިހާ ނަމާދަކަށްވެސް މިގޮތަށް ހުވަނދުލައިގެން އަންހެނުން މިސްކިތަށްދިއުން މަކްރޫހަވެގެންވެއެވެ. އެހެން ރިވާޔަތެއްގައި އައިސްފައިވަނީ މިފަދައިންނެވެ. "މާނައީ: ތިއައިން ކަނބަލަކު މިސްކިތަށް ދާން ޤަޞްދުކުރާހިނދު ހުވަނދު ނުލާށެވެ! މިއެވެ." މިގޮތުން ޢާންމު ނަމާދުތަކަށް ދިއުމުގައި މަނާވެގެންވުމުގެ އިތުރުން ޚާއްޞަކޮށް އެކަން މަނާވެގެންވެއެވެ. އެއީ ރޭގަނޑުގެ އެންމެ ފަހު ނަމާދަށް އެ ނަމާދު ވާތީ އާއި އެވަގުތު ރައްކައުތެރތިކަން ކުޑަވާނެތީއެވެ!"
- ޞަޙީޙް ބުޚާރީ/ އުސްތާޛް ޙުސައިން ރަޝީދު އަހްމަދު
އަންހެން ބޭކަނބަލުން ހުވަނދުލައިގެން މަގުމަތީގަ އާއި ހިލޭ ފިރިހެނުންނަށް ވަސްދެއްކުން ދީނީ ޢިލްމުވެރިން މަނާ ކުރައްވަވަނީ މިފަދަ ޙަދީޘްފުޅުތަކުން އެކަން މަނާ ކުރައްވަވާފައިވާތީއެވެ. ރަނގަޅަށް ވިސްނަވައިލައްވާށެވެ! ރަސޫލް (ޞޢވ) ގެ ޒަމާނުގައި އެންމެ ނުރައްކައުތެރިކން ބޮޑު ވަގުތަކީ އަނދިރިކަން އެންމެ ގަދަވާ ވަގުތު ކަމަށްވާ ޢިޝާ ނަމާދު ވަގުތެވެ. އެހެންކަމުން އެ ކަމުގައި އެގޮތަށް ޙަދީޘްފުޅޫ ކުރެއްވެވީއެވެ. އަދި އެ ޙުކުމްފުޅު ހުރިހާ ނަމާދަކަށްވެސް ހިނގާނެކަން އުސްތާޛް އެވަނީ ބަޔާން ކުރައްވަވައިފައެވެ.
ވިސްނައިލަންވީ އެއިރުގެ ޢިޝާ ނަމާދު ވަގުތުގެ ކަޅު އަނދިރި ވަގުތާއި މިހާރު ދުވާލު މެންދުރުގެ ގަދަ އަލިކަން ލިބޭ ވަގުތާއި އަޅައި ބަލައިފިނަމަ ނުރައްކާތެރިކަން ބޮޑުވާނީ ކޮން ވަގުތެއްގައިތޯއެވެ!
މިސްކިތަށް ދާން އޮތީ ސާފުތާހިރުވެ ޒީނަތްތެރިވެގެން ކަމަށްވާއިރުވެސް ހުވަނދުލައިގެން ދިއުން ރަސޫލް (ޞޢވ) މަނާ ކުރެއްވެވުމުން އެކަމުގެ ހުރި ނުބައިކަން ބޮޑުކަމާއި އުފެދިދާނެ ފިތުނައިގެ ބޮޑުކަން އެނގިގެންދެއެވެ.
މީގެ އިތުރުން ޢިޝާ ނަމާދަށް މިސްކިތަށް ދާން ޤަޞްދުކުރުމުގެ މުރާދަކީ ގެއިން ބޭރަށް ނުކުންނަން ޤަޞްދުކުރުމެވެ. ވީމާ މީރުވަސް ދުވާ ހުވަނދުގެ ވަސް ދުއްވަމުން މަގުމަތީގައި އުޅުމަކީ އަންހެނުންނަށް ހުއްދަ ކަމެއް ނޫންކަން ބަޔާންކުރަން އިތުރަށް ބަހުސްކުރާކަށް ނުޖެހެއެވެ. މިވަރުން ފުދެއެވެ.
ކީރިތި ޤުރްއާނުގައި މާތް ﷲ އަޢުރައިގެ މިންގަނޑު ކަނޑައެޅުއްވެވުމުން އެއަށް ގޮންޖަހައި އެ އަންހެނަކު ބޭނުންވާ ވަރަކަށް ދައްކައިގެން އުޅޭއިރު ގައިގައި ހުޅު ހިފުމަށް އިރާދަ ނުކުރައްވަވާއިރު ޙަދީޘްފުޅަކަށް ޢަމަލު ނުކޮށް މާފަސޭހައިން އުޅެވޭނެއެވެ. އެކަމުގެ ނަތީޖާ ޤިޔާމަތް ދުވަހު ކޮންމެ މީހަކުވެސް ދެކޭނެކަމީ ޔަޤީން ކަމެކެވެ.
"އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ރައްކާތެރިވާށެވެ! ފަހެ، ތިއަަބައިމީހުން ފުރަގަސްދިން ނަމަވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ރަސޫލާއަށް އޮތީ، ބަޔާންވެގެންވާ އިއްވެވުންކަން ތިއަބައިމީހުން ދަންނާށެވެ!" (އަލްމާއިދާ: 92)
މި އާޔަތުން އެނގިގެން މިދަނީ އާޚިރަތް ކާމިޔާބު ކުރެވޭނީ ހަމަ ރަސޫލް (ޞޢވ) ގެ ޙަދީޘްފުޅޫތަކަށް ތަބަޢަވެ ޢަމަލުކޮށްގެން ކަމެވެ. "އަދި ތިއަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ! އަދި ތިއަބައިމީހުން ރަސޫލާއަށް ކިޔަމަންވާށެވެ!" އަމުރުފުޅު ކުރައްވަވާފައި މިވަނީ ހަމަ ﷲ ތަޢާލާއެވެ.
ވީމާ ޞަޙީޙް ޙަދީޘްފުޅުތަކުގައި ހުންނަ ކަންކަން ދީނުގެ ޢިލްމުވެރިން ހާމަކުރެއްވެވުމުން އެބޭކަލުންނަސް ކުރާ ކޮންމެ ފުރައްސާރައަކީ އެމީހަކު އަމިއްލައަށް އެމީހަކަށް ކުރާ ފުރައްސާރައެވެ. އެކަމުން ހުރިހާ ގެއްލުމެއްވެސް ލިބުން ވަނީ މަލާމާތާއި ފުރައްސާރަކުރި ބައަކަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން